ރާއްޖެސަރުކާރު

ރާއްޖޭގައި ދިރިއުޅޭނަމަ އުޅޭނީ ހުޅުމާލޭގައި: މުފްތީ މެންކް

01/11/2022

ޒައިން ރަޝީދު


ޝެއަރ

ފާއިތުވި ތިން އަހަރު ހުޅުމާލެ ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށާއި ރާއްޖޭގައި ދިރިއުޅޭނަމަ އުޅޭނީ ހުޅުމާލޭގައި ކަމަށް މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ބޭއްވި ދީނީ ދަރުސްގައި މުފްތީ ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ހިތްގައިމު ސިޓީއެއް ކަމަށެވެ. އަދި އޭނާ ވަނީ ހުޅުމާލެއަށް އައިސްފައިވާ ބަދަލު ފާހަގަކުރައްވާ ހުޅުމާލޭގެ ރީތިކަމަށް ތައުރީފުކުރައްވާފައެެވެ.

"މިފަހަރު ހުޅުމާލެއަށް އައިމަ މި ފެނުނީ ހުޅުމާލޭގެ ރީތިކަން. ހުޅުމާލެއަކީ ވަރަށް ރީތި ހިތްގައިމު ތަނެއް. އަޅުގަނޑަށް ހީވަނީ އަޅުގަނޑު ރާއްޖޭގައި ދިރިއުޅޭނަމަ އުޅޭނީ ހުޅުމާލޭގައި ހެން" މުފްތީ ވިދާޅުވިއެވެ.

ހުޅުމާލޭގެ ރީތިކަމާއި ޗާލުކަން މުފްތީ ފާހަގަކުރެއްވިއިރު, ފާއިތުވި 3 އަހަރު ތެރޭގައި ހުޅުމާލެއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނިމިފައިވާއިރު ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ގިނަ ބޮޑެތި މަސައްކަތް ކޮށްފައެވެ. އަދި މިހާރު އެންމެ ބާރަށް އާބާދުވަމުންދާ ހުޅުމާލޭ ދެވަނަ ފޭސްއަށް ބޭނުންވާ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މުފްތީ މެންކް ރޭ ހުޅުމާލޭގައި ދެއްވި ދަރުސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް


މުފްތީ ވަނީ ހުޅުމާލޭގެ އިތުރުންވެސް ރާއްޖެއަށް އަންނަމުންދާ ތަރައްގީ ފާހަގަކޮށްފައެވެ. އެގޮތުން މިމަހުގެ 28 ވަނަ ދުވަހު މާލޭގައި ދެއްވި ދަރުސްގައިވެސް އޭނާ ވަނީ ރާއްޖެއަަށް އައިސްފައިވާ އުމްރާނީ ތަރައްގީ ފާހަގަކުރައްވާ އެކަމަށް ތައުރީފު ކުރައްވާފައެވެ. އަދި ރާއްޖެއަށް އަންނަ ކުރިއެރުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދިވަޑައިގެން ދުޢާވެސް ކުރެއްވިއެވެ.

މުފްތީ މެންކް އެންމެ ފަހުން ރާއްޖެ ވަޑައިގަތީ 2019 ވަނަ އަހަރުގައެވެ. އޭނާ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުގައި މާލެއާއި ހުޅުމާލޭގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ވަނީ ދަރުސް ދެއްވާފައެވެ.

ހިޔާލު


ގުޅުންހުރި