ރާއްޖެސަރުކާރު

ޗާގޯސް މައްސަލަ: ދިފާއުގައި ސަރުކާރުން ނެރުނީ ކުރީ ސަރުކާރުތަކުގެ މަޝްވަރާތަކުގެ ޔައުމިއްޔާ

08/11/2022

ޒައިން ރަޝީދު


ޝެއަރ

ޗާގޯސް މައްސަލާގައި ރާއްޖެއިން ގެންގުޅުނު ސިޔާސަތު މިސަރުކާރުން ބަދަލުކުރުމާ ގުޅޭ މައްސަލަ ދިފާއުކުރުމަށް ސަރުކާރުން ހާމަކުރީ ކުރީގެ ސަރުކާރުތަކުން އެ މައްސަލަ ހައްލުކުރުމަށް ގައުމުތަކާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ޔައުމިއްޔާކަން ހާމަވެއްޖެއެވެ.

މިރޭ މި މައްސަލައާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު އާއި ބަންޑާރަނައިބު އިބްރާހީމް ރިއްފަތު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ސަރުކާރުން ސިޔާސަތު ބަދަލުކުރި ސަބަބާ މެދު އިތުރަށް ވަނީ ސުވާލު އުފެދިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދު ތަކުރާރުކޮށް ވިދާޅުވީ ރާއްޖެއާ ޗާގޯސްއާ ދެމެދު ފުށުއަރާކަމަށް މޮރިޝަސްއިން ބުނާ ކަނޑުގެ ސަރަހައްދު ހަމަހަމަ އުސޫލުން ބައިކުރުމަށް ރައީސް މައުމޫންގެ ސަރުކާރުން 1992 ވަނަ އަހަރު އިނގިރޭސީންނާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި 2009 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން މޮރިޝަސްއާއެކު ބޭއްވެވި މަޝްވަރާތަކުގައި, ރާއްޖެއިން ކުރިން އިނގިރޭސީންނާއެކު އެއްބަސްވެފައިވާ ގޮތް ގޯސްކަމަށް އިއުތިރާފުވެ އެކަން ބަދަލުކުރާނެކަމަށް މޮރިޝަސްއާއެކު އެއްބަސްވެފައިވާ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު މިިހެން ވިދާޅުވިޔަސް ރައީސް މައުމޫންގެ އެމްއާރުއެމް އާއި ރައީސް ނަޝީދުއާއި ފާއިތުވި 30 އަހަރު ދައުލަތުގެ ބަންޑާރަނައިބުކަން ކުރެއްވި 4 ބޭފުޅުން ވަނީ ހަމަހަމަ ކަމާއެކު ފުށުއަރާ ސަރަހައްދު ބައިކުރުމަށް އެއްވެސް ގައުމަކާއެކު އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ އެއްބަސްވުމެއް ނޯންނާނެކަމަށް ތަކުރާރުކޮށް އެބޭފުޅުން ވިދާޅުވެއެވެ. އެ ބޭފުޅުން ވިދާޅުވީ އެ ގައުމުތަކާއެކު އެ މައްސަލާގައި މަޝްވަރާ ކުރެއްވި ކަމަށާއި އެއްވެސް ގޮތަށް އެއްބަސްވުމަކަށް އާދެވެފައި ނުވާކަމަށެވެ.

އެ ސުވާލު މިރޭ ކުރުމުން ފޮރިން މިނިސްޓަރު ވިދާޅުވީ ލިޔުން އެބަހުރި ކަމަށާއި އެލިޔުުންތަކުގައި ގައުމުތަކާއެކު އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ދިފާއުގައި ފޮރިން މިނިސްޓަރ ނިއުސްކޮންފަރެންސްގައި ވިދާޅުވި ލިޔުންތަަކަކީ ކުރީގެ ސަރުކާރުތަކުން އެ މައްސަލާގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ޔައުމިއްޔާކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި އުސޫލެއްގެ ގޮތުން މަޝްވަރާތަކުގެ ޔައުމިއްޔާގައި އަބަދުވެސް ދެ ގައުމުގެ އޮފިޝަލުން އިނީޝިއަލް ޖަހާނެއެވެ. އެހެން ކަމުން ސޮއި ޖައްސަވާފަ އޮތް އެއްބަސްވުމެއްކަމަށް ޝާހިދު ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވި ވަފުދުގެ ބޭފުޅުން އިނީޝިއަލް ޖައްސާވާފަ އޮތް ޔައުމިއްޔާކަން އެނގެއެވެ. އަދި އެގޮތަށް އެޔައުމިއްޔާ ހުންނާނެކަން މި މައްސަލާގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާވެސް ފާހަގަކުރެއްވިއެވެ.

"1992 ގައި އިނގިރޭސިންނާ އެކު މަޝްވަރާތައް ބޭއްވި. އޭރު އެއްބަސްވުމަކަށް ނާދެވޭ. މަޝްވަރާތައްކުރީ. މަޝްވަރާތަކުގެ ޔައުމިއްޔާގައި އުސޫލެއްގެ ގޮތުން އިނީޝިއަލް ޖަހާނެ. އެގޮތަށް އިނީޝިއަލް ޖަހާފަ އޮންނާނީ" ޑރ. މުނައްވަރު ވިދާޅުވިއެވެ.

ލިޔުންތައްކަމަށް ވިދާޅުވެ ޝާހިދު ހާމަކުރެއްވި ޔައުމިއްޔާތައް އާންމުކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އެލިޔުންތައް ސަރުކާރުން އޮންނަ އުސޫލަކުން އާންމުކުރާނެކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވިޔަސް, ދެ ގައުމުގެ ދެމެދުގައި ބާއްވާ އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އާންމެއް ނުކުރާނެއެވެ. އަދި ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އާންމުކުރުމަށް ގޮވާލުމުންވެސް ސަރުކާރުން މީގެކުރިން ވިދާޅުވީ ދެދޭ ގައުމުތަކުގެ ދެމެދުގައި ބަދަލުކުރެވޭ އެފަދަ ލިޔުުންތައް އާންމު ނުކުރާނެކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަންޑަރަނައިބުންނާއި ކުރީގެ ރައީސުންނަށް ޝާހިދުވަނީ ފާޑުވިދާޅުވެފައެވެ. ޝާހިދު ވަނީ އެބޭފުޅުން ޗާގޯސް މައްސާލާގައި ގަސްތުގައި އޮޅުވާލާ ރައްޔިތުންނަށް ދޮގު މައުލޫމާތު ދެމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ.

މި މައްސަލާގައި ކުރިން ޝާހިދު ވިދާޅުވި ބަސްފުޅު ހަނދުމަފުޅު ނެތް!

ރާއްޖެއިން ކުރިން ގެންގުޅުނު މޮރިޝަސްއާ ދެކޮޅު ސިޔާސަތު ދިފާއުކޮށް, ސިޔާސަތުގެ މުހިއްމުކަން ފާހަގަކުރައްވާ ތަފާތު އެތައް ފޯރަަމެއްގައި ރާއްޖޭގެ ޚާރިޖީ ވަޒީރުންނާއި ޚާރިޖިއްޔާ ތަމްސީލު ކުރައްވާ ބޭފުޅުން ވާހަކަ ދައްކަވާފައި ވެއެވެ. ރާއްޖެއިން ޑިކޮލޮނައިޒޭޝަނަށް ތާއީދުކޮށް އެކަމަށް ވަކާލާތުކުރިއަސް ޗާގޯސް މައްސަލައަކީ އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރުގެ އިތުރުން މުޅި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅިފައިވާ މައްސަލައެއް ކަމަށް ރާއްޖެން ބުނެފައިވެއެވެ. 2019 ވަނަ އަހަރު ބޭއްވި އދގެ އާންމު މަޖިލީހުގައި މޮރިޝަސްއާ ދެކޮޅު ވޯޓަށްފަހު ރާއްޖެއިން އދ ގައި އިއްވި ބަޔާނުގައިވެސް މިކަން މިގޮތަށް ފާހަގަކޮށްފައިވެއެވެ.

"ރާއްޖެއިން ދެކޭ ގޮތުގައި ޗާގޯސް ރަށްތަކުގެ މައްސަލައަކީ އޭގެ ސަބަބުން ރާއްޖޭގެ މިނިސްވަންކަމާއި ސިޔާދަތީ ބާރާއި އަދި މުޅި އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައެއް" އދގައި ރާއްޖެއިން އިއްވި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ވޯޓާ ގުޅިގެން ފޮރިން މިިނސްޓްރީން ބަޔާނެއްވެސް ނެރުނެވެ. އެބަޔާނުގައިވެސް ވަނީ ރާއްޖެއިން ގެންގުޅުނު ސިޔާސަތު ދަމަހައްޓާފައެވެ. އަދި ހަމަ 23 މޭ 2019 ވަނަ ދުވަހު ފޮރިން މިނިސްޓަރ ޢަބްދުالله ޝަހިދު މީޑިއާގައި ވިދާޅުވީ ޗާގޮސް އައިލޭންޑް މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅުވަނީ އެއީ ޗާގޯސް މައްސަލައިގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޮޑުބައެއް ގެއްލިދާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.

ނަމަވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި 2019 ވަނަ އަހަރު އެހެން ވިދާޅުވި ހަނދުމަފުޅެއް ޝާހިދު ނެތެވެ. 2019 ވަނަ އަހަރު އެހެން ވިދާޅުވީ ކިއްވެތޯއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުމުގެ ބިރު މިހާރު ނެތީތޯ ސުވާލުކުރުމުން ޝާހިދު އެދިވަޑައިގަތީ އެމައްސަލާގައި މިރޭ އޭނާ ވިދާޅުވި ބަސްފުޅުގެ ވީޑިއޯ އަލުން ބަލުމަށެވެ.

ހިޔާލު


ގުޅުންހުރި