ރިޕޯޓް

ސިޔާސީ އިމާމުންނާއި އާދައިގެން އިމާމުން, ސިޔާސީ އިމާމުން ތިބެންޖެހޭތަ؟

11/11/2022

ޒައިން ރަޝީދު


ޝެއަރ

ރާއްޖޭގައި މި ވަގުތު ނަމާދުކުރާ 657 މިސްކިތުގައި އެތައް ސަތޭކަ އިމާމުން މަސައްކަތް ކުރެއެވެ. 3 މިސްކިތް ފިޔަވާ ހުރިހާ މިސްކިތްތައް ބަލަހައްޓަމުން ދަނީ އެމިސްކިތް ހުރި ރަށެއްގެ ރަށު ކައުންސިލުންނެވެ. އެހެން ކަމުން އިމާމުންނަކީވެސް ރަށު ކައުންސިލްގެ ދަށުން, ކައުންސިލުން ބަލަހައްޓާ ބައެކެވެ.

މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގުގެ ދަށުން އަޅުގަނޑު ހުށަހެޅި ފޯމަށް ދިން ޖަވާބުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި އިސްލާމިކް މިނިސްޓްރީން ބަލަހައްޓަނީ އެންމެ 3 މިިސްކިތެވެ. އެއީ މާލޭގައި ހުންނަ އިސްލާމީ މަރުކަޒާއި މާލޭގައި ހުންނަ ސަލްމާން މިސްކިތް އަދި ރ. އުނގޫފާރުގައި ހުންނަ މަސްޖިދު ދުކްތޫރު ޑޮކްޓަރު އަފްރާޝީމް އަލީއެވެ. މާލޭގައި ހުންނަ 2 މިސްކިތް ބަލަހައްޓަން 39 މަސައްކަތު މީހުން މިނިސްޓްރީގައި ތިބެއެވެ. މި ދެ މިސްކިތުގައި 8 ސެކިއުރިޓީ އޮފިސަރުން ތިބޭއިރު އުނގޫފާރުގައި ހުންނަ އިސްލާމިކް ސެންޓަރު ބަލަހައްޓަން 4 މަސައްކަތު މީހުން ތިބޭކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އަދި އިސްލާމިކް މިނިސްޓްރީން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި މިނިސްޓްރީން ބަލަހައްޓާ 2 މިސްކިތުގައި 3 ސިޔާސީ އިމާމުން މަސައްކަތް ކުރެއެވެ.

ސިޔާސީ އިމާމުންނާއި އެހެން އިމާމުން ތަފާތު

އާންމުކޮށް ރާއްޖޭގެ މިސްކިތްތަކުގައި އިމާމްވެ ނަމާދުކުރާ އިމާމުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 8,000 ރުފިޔާއެވެ. އިމާމުންގެ މަގާމަކީ މިނިސްޓްރީގެ އޮނިގަނޑުގައި ޓެކްނިކަލް އޮފިސަރ(ގްރޭޑް 1) ފެންވަރުގެ މަގާމެކެވެ. އެހެން ކަމުން މިނިސްޓްރީން ބަލަހައްޓާ 3 މިސްކިތުގެ ތެރެއިން 2 މިސްކިތް ފިޔަވާ ރާއްޖޭގައި ނަމާދުކުރާ 657 މިސްކިތުގެ އިމާމުންނަށް ލިބެނީ ކޮންމެ އިމާމަކަށް މަހަކު 8,000 ރުފިޔާއެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ އިސްލާމީ މަރުކަޒުގެ އިމާމާއި ސަލްމާން މިސްކިތުގެ އިމާމުންނަށް 30,500 ރުފިޔާގެ މުސާރައެއް ލިބެއެވެ. އެއީ 18,000 ރުފިޔާގެ އަސާސީ މުސާރައާއި 12,500 ރުފިޔާގެ ލިވިން އެލަވެންސްއެކެވެ. ސިޔާސީ އިމާމުންނަކީ މިނިސްޓަރުގެ ނައިބު ފެންވަރުގެ މަގާމެކެވެ. ނައިބު ފެންވަރުގައި ސަލްމާން މިސްކިތުގައި 2 އިމާމުން އަދި އިސްލާމީ މަރުކަޒުގައި 1 ބޭފުޅަކު މަސައްކަތް ކުރެއެވެ.

މިނިސްޓްރީން ބަލަހައްޓާ 3 މިސްކިތުގެ އިމާމުންގެ މެދުގައިވެސް ތަފާތު ކުރުންތައް އެބަހުއްޓެެވެ. މިނިސްޓްރީން ބަލަހައްޓާ މާލޭގައި ހުރި 2 މިސްކިތުގެ އިމާމުންނަަކީ ސިޔާސީ އަދި ނައިބު ފެންވަރުގެ މަގާމަކަށްވާއިރު, މިނިސްޓްރީން ބަލަހައްޓާ އުނގޫފާރު އިސްލާމިކް ސެންޓަރުގައި މަސައްކަތް ކުރާ އެތަނުގެ އިމާމަކީ ނައިބު ފެންވަރުގެ މަގާމެއް ނޫނެވެ. އޭނާއަށް ލިބެނީ ޓެކްނިކަލް އޮފިސަރ ލެވެލްގައި މަހަކު 8,000 ރުފިޔާއެވެ.

ސިޔާސީ އިމާމުންގެ މަގާމް އުފެއްދުން

ސިޔާސީ މަގާމެއްގެ ގޮތުގައި އިމާމަކު އެންމެ ފުރަތަމަ ސަރުކާރުން އައްޔަނުކުރީ 2012 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އޭރުގެ ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީއާ އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުމާ އެކުގައެވެ. ވަކި އިމާމެއްގެ މަގާމު ސިޔާސީ ކުރުމަށްފަހު ވަކިބަޔަކަށް ބޮޑު މުސާރަދޭން ނިންމެވީ ކީއްވެތޯ އިސްލާމިކް މިނިސްޓްރީއާ ސުވާލުކުރުމުން މިނިސްޓްރީން ވިދާޅުވީ އެ ސުވާލަށް ޖަވާބު ދޭން އެންމެ އައުލާކަން ބޮޑީ ރައީސުލްޖުމްްހޫރިއްޔާގެ އޮފީހުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވި ނަމަވެސް, ސިޔާސީ އިމާމުން ތިބެނީ އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައެވެ. އަދި 2012 ވަނަ އަހަރު ފުރަތަމަ ފަހަރަށް އިސްލާމީ މަރުކަޒުގެ އިމާމަކަށް ނައިބު ފެންވަރުގައި އައްޔަނުކުރީވެސް އަދާލަތު ޕާޓީގެ ބޭފުޅެކެވެ. އަދި މިހާރުވެސް އިސްލާމިކް މިނިސްޓްރީ ކޮންޓްރޯލް ކުރަނީވެސް އަދި ސިޔާސީ އިމާމުންގެ މަގާމަށް އައްޔަނުކޮށްފައިވަނީވެސް އަދާލަތު ޕާޓީގެ މެންބަރުންނެވެ. އެގޮތުން އެންމެ ފަހުން ސަލްމާން މިސްކިތުގެ 2 ވަނަ އިމާމަކަށް ނައިބު ފެންވަރުގައި އައްޔަނުކޮށްފައިވަނީ އަދާލަތު ޕާޓީގެ ދީނީ މަޝްވަރާ މަޖިލީހުގެ ރައީސް އިލްޔާސް ހުސައިންގެ ދަރިކަލުން ޢައްމާރު އިލްޔާސް އެވެ.

ހިޔާލު


ގުޅުންހުރި