ރިޕޯޓް

ދީނީ ނަސޭހަތް ދިނުމަށް ހުއްދަ ބޭނުންވަނީ ކީއްވެ؟

16/11/2022

ޒައިން ރަޝީދު


ޝެއަރ

ރާއްޖޭގައި ހުއްދަނެތި ދީނީ ނަސޭހަތް ދިނުމާއި ދީނީ މައުލޫމާތު ފެތުރުމަކީ މަނާކަމެއް ނަމަވެސް, އެފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅި ފޯމަށް ދިން ޖަވާބުގައި އިސްލާމިކް މިނިސްޓްރީ ވިދާޅުވީ, ރާއްޖޭގައި ދީނީ ނަސޭހަތް ދިނުމާއި ދީނީ މައުލޫމާތު ފެތުރުމުގައި އަމަލުކުރަނީ 2011 ވަނަ އަހަރު އާންމުކޮށްފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔާތްކުރުމުގެ ގަވާއިދުގެ ދަށުންނެވެ. މި ގަވާއިދުގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޭ ފަރާތްތަކުގެ ޝަރުތުތައްވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި ގަވާއިދުގެ ދަށުން ހަދާފައިވާ އުސޫލެއްވެސް މިނިސްޓްރީގައި އޮވެއެވެ.

މި ގަވާއިދު ބުނާ ގޮތުން ދީނީ ނަސޭހާތް ދިނުމުގެ ހުއްދަ ލިބޭނީ އެންމެ ދަށްވެގެން މިނިސްޓްރީން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ޑިގްރީ ފެންވަރަށް ކިޔަވާފައިވާ މީހުންނަށެވެ. އެގޮތުން މި ގަވާއިދާ އެއްގޮތަށް މިހާތަނަށް 349 ފަރާތަކަށް ދީނީ ނަސޭހަތް ދިނުމާއި ދީނީ މައުލޫމާތު ފެތުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.

ޖަމިއްޔަތުއް ސަލަފުން މާއުނގޫދޫގައި ބޭއްވި ހަރަކާތުގެ ތެރެއިން - ފޮޓޯ: އަލީ ރަމީޒް


ދީނީ ނަސޭހަތް ދިނުމަށް ހުއްދަ ބޭނުންވަނީ ކީއްވެ؟

ރަނގަޅު ކަންކަމަށް ގޮވާލާ, ނަސޭހަތް ދިނުމަކީ އެކަމަށް ހުއްދައެއް ބޭނުންވާ ކަމެއް ނޫނެވެ. ނަމާދުކުރުމަށާއި ރޯދަ ހިފުމާއި ޒަކާތް ދިނުމާއި އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށް ބުނާކަށްވެސް ހުއްދައެއް ބޭނުމެއް ނުވެއެވެ. ހަމަމިއާއެކު ދީނީ ޕްރޮގްރާމް ހުށަހެޅުމާއި އެފަދަ ޕްރޮގްރާމްތަކުގައި ސުވާލުކުރުމަށްވެސް ހުއްދައެއް ނަގާކަށް ނުޖެހެއެވެ.

ނަމަވެސް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ހުއްދަ ނަގަންޖެހެނީ ދީނީ ނަސޭހަތާއި ވަޢުޟުބުނުމާއި ދީނީ ހުކުމްތައް ބަޔާންކުރުމަށް ބާއްވާ ދީނީ ޕްރޮގްރާމްތަކަށެވެ. އެގޮތަށް އެފަދަ ޕްރޮގްރާމްތަކުގައި ހުކުމްތައް ބަޔާންކުރާ މީހުން ހުއްދަ ނަގަންޖެހޭ ގޮތަށް ގާނޫނަކުން އޮންނަނީ ރާއްޖޭގައި އޮތް ދީނީ ވަހުދަތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަގްސަދުގައެވެ.

ހާއްސަކޮށް ދީނީ ހުކުމްތަކާއި ދީނީ އުސޫލުތައް ބަޔާންކޮށް ކިޔައިދެނީ, ހަގީގަތުގައިވެސް ދީނީ މަޢުލޫމާތާއި ދީނީ ހުކުމް ރަނގަޅަށް ދަންނަ އެ ރޮނގުން ތަޢުލީމް ހާސިލްކޮށްގެން ތިބި މީހުންކަން ކަށަވަރުކުރުމަށެވެ. އޭގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ދީނީ މައުލޫމާތަކީ ސައްހަ, ހަގީގަތުގައިވެސް ދީނުގައި އެކަން ބަޔާންކޮށްފައިވާ ގޮތަށް ލިބޭ މައުލޫމާތައް ހެދުމެވެ. އަދި ދީނީ ބައެއް ހުކުމްތައް ބާވާލެއްވުމަށް މެދުވެރިކުރެއްވި ބައެއް ހާދިސާތަކާއި ވާހަކަތަކަކީ އެކަންކަމުގެ އަސްލު އެނގޭ އަދި އެކަމެއްގެ ފުރިހަމަ މައުލޫމާތު އެނގޭ ބަޔަކު މެދުވެރިކޮށް އެކަންކަން ރައްޔިތުންނަށް ކިޔައި ދިނުމަށް މަގުފަހިކުރުމެވެ.

ނަމަވެސް ހަގީގަތަކީ ރާއްޖޭގައި ދީނީ މައުލޫމާތާއި ދީނީ ކަންކަމާ ގުޅޭ ގޮތުން, ރައްޔިތުންނަށް މެސެޖުތައް ފޯރުކޮށްދެނީ މީގެ ކުރިން ބޭއްވިހެން ބާއްވާ ދީނީ ދަރުސްތަކުން އެކަންޏެއް ނޫނެވެ. ތަފާތު މީޑިއާގެ ވަސީލަތްތަކާއި ފޯރަމްތައް މެދުވެރިކޮށް, އުސޫލުތަކުގެ ބޭރުން ރައްޔިތުންނަށް ދީނުގެ ހަމަތަކާއި ކަންކަން އޮޅޭ ގޮތަށް މައުލޫމާތު ދަނީ ފަތުރަމުންނެވެ. މިކަން ގިނަ ފަހަރަށް ކުރަނީ ތަފާތު ޖަމިއްޔާތަކުން ބާއްވާ ހަރާކާތްތަކުގެ ނަމުގައެވެ. އެގޮތުން ޔޫތް ޕްރޮގްރާމްތަކާއި ކޭންޕްތަކާއި މަސްދަތުރުތައް ފަދަ ޒުވާނުން ޝައުގުވެރިވާ އެފަދަ އެތައް ކަމެއްގެ ތެރެއިންނެވެ. މިފަދަ ހަރަކާތްތައް ޖަމިއްޔާތަކުން ކުރިއަށް ގެންދަނީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ އެހީއާ މަދަދާއެކުގައެވެ.

އަދި މިފަދަ އިވެންޓުތަކުގައި ދީނީ މައުލޫމާތު ފެތުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ބައިވެރިވެ ދީނުގެ ކަންކަން އެމީހުންނަށް ފެންނަ ގޮތަށް ބަޔާން ކޮށްދެމުން ދެއެވެ. އަދި އެމީހުންގެ ދިރިއުޅުމަށް ގެނައި ބަދަލުތަކާއި ދީނީ ކަންކަމާ ގުޅުވާ, ޒުވާނުންނަށް ނުރަނގަޅު މެސެޖުތައް ދެއެވެ. މިފަދަ ޕްރޮގްރާމްތަކުގައި މުސްލިމުން ކާފަރުކޮށް ބައެއްމީހުންގެ މައްޗަށް ދެކޮޅުވެރިކަމާއި އަދާވާތްތެރިކަން އުފެދޭ ފަދަ ވާހަކަތައް ދައްކައެވެ. މިއީ ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަމަށް ބުރުއަރާ ކަމެއްކަން ދައުލަތުގެ މުއައްސަސާތަކުން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

2020 ވަނަ އަހަރުގެ ޑިސެންބަރު މަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް އިމްރާން ޢަބްދުالله މީޑިއާގައި ވިދާޅުވެފައިވަނީ މުސްލިމުން ކާފަރުކޮށް ބައެއްމީހުންގެ މައްޗަށް ދެކޮޅުވެރިކަމާއި އަދާވާތްތެރިކަން ޢިއުލާނުކުރުމުގެ ސަބަބުން ދީނީގޮތުން އުފެދޭ ބައެއްކަހަލަ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ދިވެހިންގެ މުޅި އެއްބައިވަންތަކަމަށް އަސަރުކުރަމުންދާކަމަށެވެ.

މިއީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުން މަނާކަމެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އިސްލާމިކް މިނިސްޓްރީންވެސް އަދި އެހެން ފަރާތަކުންވެސް މޮނިޓާއެއް ނުކުރެއެވެ. އެހެން ކަމުން ޖަމިއްޔާތުން ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ނެތް ފަރާތްތަކުން ބައިވެރިވުމާއި އެމީހުން ދޭ ދީނީ ނަސޭހަތް ބެލޭނެ ގޮތެއް ނެތެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ, ދީނީ ނަސޭހަތް ދިނުމުގެ ހުއްދަނެތި ދީނީ ނަސޭހަތް ދީ އަދި ދީނީ މައުލޫމާތު ފަތުރަމުންދާ އެއްވެސް ފަރާތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެ މިނިސްޓްރީން އަޅާފައިނުވާނެ ކަމަށެވެ.

ހިޔާލު


ގުޅުންހުރި