ރިޕޯޓް
މަޖިލީހުގެ މެންބަރުކަން: އުމުރަށް ރައްޔިތުންގެ ފައިސާ ޚަރަދުކުރަންޖެހޭ ކަމެއްތަ؟
17/11/2022
ޒައިން ރަޝީދު
ޝެއަރ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަދާކޮށްފައިވާ 91 ފަރާތުގެ ބޭސްފަރުވާއަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 22 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފަައިވާ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ހެލްތް އިންޝުއަރެންސްގެ ހިދުމަތް ދަނީ ފޯރުކޮށް ދެމުންނެވެ. މިއީ 2013 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އޭރުގެ މަޖިލީހުން ގެނައި އިސްލާހާ ގުޅިގެން ފޯރުކޮށްދޭ އިނާޔަތެވެ.
17 ވަނަ މަޖިލީހުގައި އެ ގާނޫނަށް ގެނައި ބަދަލުގައި ބުނެފައިވަނީ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް, އޭރެއްގައި އުޅޭ މެންބަރުންނަށް ލިބޭ ފެންވަރުގެ ހެލްތް އިންޝުއަރެންސް ސްކީމަކާއި މާލީ އިނާޔަތް ދޭންޖެހޭނެކަމަށެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ފޯމަށް މަޖިލީހުން ދިން ޖަވާބުގައި ހިއްސާކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުން ކުރީގެ މެންބަރުންނަށް ހެލްތް އިންޝުއަރެންސް ދެނީ 2009 ވަނަ އަހަރުން ފެށިގެންނެވެ. އެހެންކަމުން 2009 ވަނަ އަހަރުން ފެށިގެން ކުރީގެ މެންބަރެއްގެ ހައިސިއްޔަތުން 38 ބޭފުޅުންނަށް ހެލްތް އިންޝުއަރެންސް ފޯރުކޮށްދެއެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ކުރީގެ މެންބަރެއްގެ ހައިސިއްޔަތުން 53 ބޭފުޅަކަށް ހެލްތް އިންޝުއަރެންސް ލިބެއެވެ. އެހެންކަމުން ޖުމުލަ 91 ބޭފުޅަކަށް ދައުލަތުގެ ބަޖެޓުން ދަނީ ހެލްތް އިންޝުއަރެންސްގެ ހިދުމަތް ދެމުންނެވެ. އެއީ ކޮންމެ ބޭފުޅަކަށް އާސިޔާންގެ ގައުމުތަކުން ހިލޭ ބޭސްފަރުވާކުރެވޭ, އަހަރަށް 24,000 ރުފިޔާގެ ޕެކޭޖެކެވެ. އެހެންކަމުން މިހާތަނަށް ކުރީގެ މެންބަރުކަން ކުރި 91 ފަރާތަކަށް ޖުމުލަ 22 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެެވެ.
ރައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރެންސް ދޭ 91 ބޭފުޅުންގެ ތެރޭގައި ދައުލަތުގެ މިހާރާއި ކުރީގެ ވަޒީރުންގެ އިތުރުން ކުންފުނިތަކުގެ ވެރިންނާއި ބޮޑެތި ވިޔަފާރިވެރިންނާއި މަހުޖަނުންވެސް ހިމެނެއެވެ. އެހެން ނަމަވެސް މި ހުރިހާ ފަރާތަކުންވެސް ދަނީ ބަރާބަރަށް ރައްޔިތުންގެ ފައިސާއިން ހެލްތް އިންޝުއަރެންސް ނަގާ ބޭނުންކުރަމުންނެވެ.
ހެލްތް އިންޝުއަރެންސް ފޯރުކޮށްދޭ ބޭފުޅުންގެ ތެރޭގައި މިހާރުގެ 2 ވަޒީރުން ހިމެނެއެވެ. އެއީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް މުހައްމަދު ޝީފާޒުއާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަހުމަދު ސަމީރުއެވެ. ކުރީގެ ވަޒީރުންގެ ތެެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާއި ކުރީގެ ޕްލޭނިންގ މިނިސްޓަރު ހަމްދޫން ހަމީދުއާއި ކުރީގެ ހޯމް މިނިސްޓަރު އަދި މިހާރު ސިންގަޕޫރުގައި ހުންނަ ދިވެހި ސަފީރު ތަސްމީން އަލީއާއި ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދު ހިމެނެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުالله މަސީހު މުހައްމަދުއާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުالله ވެސް މި ލިސްޓުގައި ހިމެނެއެވެ.
މީގެ އިތުރުންވެސް ބޮޑެތި ބައެއް ކުންފުނިތަކުގެ ވެރިން ހިމެނެއެވެ. މީގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމްއާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފުއާއި ސްޓެލްކޯގެ ޗެއާރމަން އިބްރާހީމް މުހައްމަދު ދީދީއާއި އޭޑީކޭ ގްރޫޕްގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނާޝިދުވެސް ހިމެނެއެވެ. އަދިވެސް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ދައުލަތުގެ ސަފީރުންނާއި ސަފީރުންގެ ނައިބުން ފެންވަރުގެ މަގާމު އަދާކުރަމުންދާ މީހުންގެ އިތުރުން ބޮޑެތި ވިޔަފާރި ވެރިންނާއި މަހުޖަނުންވެސް މި ލިސްޓުގައި ހިމެނެއެވެ.
މި ލިސްޓުގައި ހިމެނޭ ގިނަ މީހުންނަކީ ދައުލަތުން މިހާރުވެސް ބޮޑެތި މުސާރަ ލިބޭ ނުވަތަ އަމިއްލަ ވިޔަފާރިކުރާ ވިޔަފާރިވެރިންނެވެ. ނަމަވެސް މި ހުރިހާ ފަރާތްތަކުން ދަނީ ރައްޔިތުންގެ ފައިސާއިން ހެލްތް އިންޝުއަރެންސް ނަގާ ބޭނުންކުރަމުންނެވެ.
ގާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ޅ)ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބިދޭ އިންޝުއަރެންސްގެ އިތުރުން މި ގާނޫނުގެ ދަށުން 55 އަހަރުވެފައިވާ ކުރީގެ މެންބަރުންނަށް ފިނޭންސް މިނިސްޓްރީން ޕެންޝަން އޮފީސް މެދުވެރިކޮށް މާލީ އިނާޔަތްވެސް ދެއެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި 1 ދައުރު އަދާކޮށްފައިވާ މީހުންނަށް މުސާރައިގެ 30 އިންސައްތަ އަދި 2 ދައުރު އަދާކޮށްފައިވާ ފަރާތްތަކަށް މުސާރައިގެ 45 އިންސައްތަ ދޭންޖެހެއެވެ. އެހެންކަމުން 1 ދައުރު އަދަކުރި މީހަކަށް މަހަކު 12,750 ރުފިޔާ އަދި 2 ދައުރު އަދާކުރި މީހަކަށް މަހަކު 19,125 ރުފިޔާގެ މާލީ އިނާޔަތް ފިނޭންސް މިނިސްޓްރީން ދަނީ ފޯރުކޮށް ދެމުންނެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މެންބަރުކަން އަދާކުރި މީހުންގެ ތެރެއިން 55 އަހަރުވެފައިވަނީ 29 މެންބަރުންނަށެވެ. މި 29 މީހުންނަށް ފިނޭންސް މިނިސްޓްރީން ދަނީ ކޮންމެ މަހަކު ޕެންޝަން އޮފީސް މެދުވެރިކޮށް މާލީ އިނާޔަތް ދެމުންނެވެ. ކުރިން ފާހަގަކުރިހެން މީގެ ތެރޭގައި ގިނައީ މިހާރުވެސް ބޮޑެތި މުސާރަ ލިބޭ ދައުލަތުގެ މަގާމްތައް އަދާކުރަމުންދާ, އަދި ލިބޭ މުސާރައާ އެއްވަރަކަށް ވަޒީފާ އަދާކުރާ ދައުލަތުގެ މުއައްސަސާތަކުން ޕެންޝަނަށްވެސް ފައިސާ ދެމުންދާ މީހުންނެވެ.
55 އަހަރުވުމާއެކު މާލީ އިނާޔަތް ލިބޭ ކުރީގެ މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުالله މަސީހު މުހައްމަދުއާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުالله އާއި އޭޑީކޭ ގްރޫޕްގެ ޗެއަރމަން އަހުމަދު ނާޝިދާއި ކުރީގެ ވަޒީރު ހަމްދޫން ހަމީދާއި މިހާރު ސިންގަޕޫރުގައި ހުންނަ ދިވެހި ސަފީރު އަހުމަދު ތަސްމީން އަލީ ހިމެނެއެވެ.
ކުރީގެ މެންބަރުންނަށް މިހާރު ދެމުންދާ އިނާޔަތްތައް ކަނޑާލުމަށް އެދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން މިދިޔަ އޮކްޓޯބަރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ. މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ކުރާ ހޭދަ ހުއްޓާލަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާބެހޭ ގާނޫނަށް އިސްލާހް ހުށަހެޅީ ވިލިމާލެދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.
ނަމަވެސް އެ ބިލް ބަލައިނުގަތުމަށް ނިންމާ ބިލު ބޭރުކޮށްލީ ހާޒިރުވެ ތިބި 62 މެމްބަރުންގެ ތެރެއިން 31 މެމްބަރުންގެ ވޯޓުންނެވެ. ބަލައިގަތުމަށް ވޯޓު ދިނީ އެންމެ ފަސް މެންބަރުންނެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެއްވެސް މެންބަރަކު އިނާޔަތް ކަނޑާލަން އެއްބަހެއް ނުވިއެވެ. ތާއީދުކުރި ފަސް މެންބަރުންނަކީ:
1. އާދަމް ޝަރީފް - މަޑުއްވަރި ދާއިރާ
2. ޢަލީ ޙުސައިން - ކެންދޫ ދާއިރާ
3. މުޙައްމަދު ނާޡިމް - ދަނގެތި ދާއިރާ
4. އިބްރާހީމް ނަސީމް - ތުލުސްދޫ ދާއިރާ
5. ޢަބްދުﷲ ރިޔާޟް - ތިމަރަފުށި ދާއިރާ
ހިޔާލު
ގުޅުންހުރި