ރާއްޖެރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފި

18/11/2022

ޒައިން ރަޝީދު


ޝެއަރ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓް މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން މިރޭ ފާސްކޮށްފިއެވެ.

ބަޖެޓް ކޮމެޓީން ބަޖެޓް ފާސްކުރީ ސަރުކާރުން ހުށަހެޅި ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމެޓީން ފާސްކުރީ 42.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާގެ ބެޖެޓްގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 40.6 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް 2.1 ބިލިއަން ރުފިޔާއެވެ.

ބަޖެޓަށް ކޮމިޓީން ބަދަލުގެ ގެނައީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓުންނެވެ. އޮފީސްތަކުގެ ބަޖެޓުން 14 އޮފީހެއްގެ ބަޖެޓަށް 36 މިލިއަން ރުފިޔާ ބަޖެޓް ކޮމެޓީން ވަނީ އިތުރުކޮށްފައެވެ. އަދި ޖުމުލަ 160,531,484 (ސަތޭކަ ފަސްދޮޅަށް މިލިއަން ފަސް ލައްކަ އެއްތިރީސް ހާސް ހަތަރުސަތޭކަ އައްޑިހަ ހަތަރު) ރުފިޔާ ބަޖެޓަށް އިތުރުކޮށްފައިވެއެވެ.

މިރޭ ކޮމެޓީން ބަޖެޓް ފާސްކޮށްފައިވާއިރު ދެން ބަޖެޓް ފޮނުވާނީ މަޖްލީހުގެ ތަޅުމަށެވެ. އަދި މެންބަރުން ބަޖެޓަށް ބަހުސް ކުރުމަށްފަހު ބަޖެޓް މަޖިލީހުން ފާސްކުރުމަށް ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ.

ހިޔާލު


ގުޅުންހުރި