ރިޕޯޓް
ދައުލަތުގެ ދެ ބާރުން ސަރުކާރުގައި އާދޭސް ދެންނެވުން
19/11/2022
ޒައިން ރަޝީދު
ޝެއަރ
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގައުމާ މުހާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ތަކުރާރުކޮށް ފާހަގަކުރެއްވި އެއްކަމަކީ ދައުލަތް ހިންގުމުގެ އަސާސްތައް، ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއަށް ގެންނެވި ވާހަކައެވެ. ޑިމޮކްރެޓިކް ވެއްޓެއްގައި ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވިކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
"ފާއިތުވި 4 އަހަރު ކުރެވުނު ވަކި ކަންތައްތަކެއް އެބަވޭ. ފުރަތަމަ ކަމަކަށް، ދައުލަތް ހިންގުމުގެ އަސާސްތައް، ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއަށް ގެނެވިއްޖެ. ޑިމޮކްރެޓިކް ވެށްޓެއްގައި، އެ ބާރެއްގެ ދައުރު އަދާކުރާނެ ޖާގަ، މި 4 އަހަރުން މިވަނީ ހޯދާފައި. މިނިވަން ޖުޑިޝަރީއެއްގެ ޒަރީޢާއިން، ޢަދުލުއިންޞާފަށް ގެއްލިފައި އޮތް އިތުބާރު، އިޢާދަ ކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ބަދަލުކޮށްފިން. މިނިވަން ސުޕްރީމް ކޯޓެއްގެ ދައުރު، ފުރިހަމައަށް އަދާކުރެވޭނެ ފުރުޞަތު، މި 4 އަހަރުން ފަހިކޮށްދިނިން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވިޔަސް, ދައުލަތުގެ ދެ ބާރުން ސަރުކާރުގައި އާދޭސް ދަންނަވާނަމަ, މިނިވަންކަމާއެކު މަސައްކަތް ކުރެވޭނީ ކިހާވަރަކަށް ތޯ އެއީ އުފެދޭ ސުވާލެކެވެ.
ދައުލަތުގެ ބާރުތަކާއި މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ މާލީ މިނިވަންކަމެވެ. އެ ބާރަކަށް ނުވަތަ އެ މުއައްސަސާއަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ކަނޑައަޅާފައިވާ އަހަރީ ބަޖެޓް ބޭނުންކުރުމުގެ އިހްތިޔާރާއި ފުރިހަމަ ބާރު މުއައްސަސާތަކަށް ލިބެންޖެހެއެވެ. ނަމަވެސް މާލީ މިނިވަންކަން އޮތީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައްޔިތުންގެ މަޖިލީހަށާއި ޖުޑީޝިއަރީއަށް އެބާރެއް ނެތެވެ.
އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުންވެސް އަދި ޖުޑީޝިއަރީންވެސް އެ ތަންތަނުގެ އަހަރީ ބަޖެޓް ބޭނުންކުރަން ކޮންމެ ފަހަރަކު ޖެހެނީ މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެ ހުއްދަ ހޯދާށެވެ. އަދި ދާދި ފަހުން ފިނޭންސް މިނިސްޓްރީން ނެރުނު ސަރކިއުލާއާ ގުޅިގެން, އޮފީހަށް ބޭނުންވާ ފޮތް ފަންސުރު ގަންނަންވެސް ފިނޭންސް މިނިސްޓްރީއަށް ލިޔަންޖެހެއެވެ. އެއީ ސަރކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން 5,000 ރުފިޔާއަށް ވުރެ މަތިން ހަރަދުކުރެވޭނީ ފިނޭންސްގެ ހުއްދަ އޮވެގެނެވެ.
"އަޅުގަނޑުމެން ފޮނުވި ވަރަށް ގިނަ ކަންކަން އޮތީ ފިނޭންސް މިނިސްޓަރުގެ މޭޖުކޮޅު މަތީ. މަޖިލީހުން ފާސްކޮށް ކަނޑައަޅާފައިވާ ބަޖެޓް ހަރަދުކުރަން ފިނޭންސަށް އާދޭސް ދަންނަވަންޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން" ޖުޑިޝިއަރީގައި މަސައްކަތް ކުރައްވާ އިސްބޭފުޅަކު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓް
ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކަނޑައަޅާފައިވާ ބަޖެޓްވެސް ހަރަދު ކުރަން ފިނޭންސް މިނިސްޓަރަށް އާދޭސް ދަންނަވަންޖެހެއެވެ. އެމަނިކުފާނު ނޫނެކޭ ބުނެފިނަމަ, އެއީ އެ އިދާރާއަށް ކިތަންމެ މުހިއްމު ކަމެއްވިޔަސް އެކަމެއް ނުކުރެވޭނެއެވެ. އެކަމަށް ބޭނުންވާ ފައިސާއެއް ދުލެއް ނުކުރެއެވެ.
ކޮވިޑްގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްވެސް އަދި އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މީޑިއާގައި ދެއްކެވި ހުރިހާ ވާހަކަފުޅެއްގައި ފާހަގަކުރެއްވި އެއްކަމަކީ ކޮވިޑްގެ ހާލަތާއެކުވެސް ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އެމީހުންނަށް ލިބެންވާ މުސާރައިގެ ކުރިއެރުން ބަރާބަރަށް ދެމުންދާ ވާހަކައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ކުރިއެރުން ނުދޭތާ 1 އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ ޕާލަމެންޓަރީ ސަރވިސްގެ މުވައްޒަފުންގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ގޮތުން, ވަޒީފާ އަދާކުރާތާ 3 އަހަރުވެ, އެޕްރައިޒަލްއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް 400 ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް ދޭންޖެހޭނެވެ. މިއީ 2009 އިން ފެށިގެން އަމަލުކުރަމުން އަންނަ ގޮތެއެވެ. އަދި މި ކުރިއެރުން ދިނުމަށް ބޭނުންވާ ފައިސާއަކީ މަޖިލީހުގެ އިދާރާގެ ބަޖެޓުގައި ހިމަނާ މަޖިލީހުން ފާސްކޮށްފައިވާ އެއްޗެކެވެ.
ނަމަވެސް ފާއިތުވި ދެ އަހަރު މި ކުރިއެރުން މުވައްޒަފުންނަށް ދީފައެއް ނުވެއެވެ. ސަބަބަކީ އެކަމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ނުދިނުމުންނެވެ. ޖުޑިޝިއަރީން ފޮނުވި ސިޓީތައް ފަދައިން, ޕާލަމެންޓަރީ މުވައްޒަފުންނަށް ހައްގުވާ މުސާރައިގެ ކުރިއެރުން ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީ އޮތީ ފިނޭންސް މިނިސްޓަރުގެ މޭޒުކޮޅު މަތީގައެވެ. އެކަން އިތުބާރު ހުރި ގޮތަކަށް ފިނޭންސް މިނިސްޓްރީންވެސް އަދި މަޖިލީހުންވެސް ވަނީ ޔަގީންވެފައެވެ.
ފިނޭންސް މިނިސްޓަރަށް ފޮނުވި މި ސިޓީގެ ޖަވާބުގެ އިންތިޒާރުގައި, މުސާރައިގެ ކުރިއެރުން ހައްގުވާ 90 އަށްވުރެ ގިނަ މުވައްޒަފުން މަޖިލީހުގެ އިދާރާގައި އެބަތިއްބެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދައުލަތުގެ ދެ ބާރުން އެތަންތަނަށް ކަނޑައަޅާ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓް ހަރަދުކުރަން ސަރުކާރަށް އާދޭސް ދަންނަވާ, ހުއްދަ ހޯދަންޖެހޭ އިރު ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓަށްވުރެ އިތުރަށް 5.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއަދަދު ސަރުކާރުން ހަަރަދުކުރިކަން ރައްޔިތުންގެ މަޖިލީހަށް އެންގީވެސް މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަން އޮންނަ އުސޫލާވެސް ހިލާފަށެވެ.
އަދި ސަރުކާރަށް ތާއީދުކޮށް ސަރުކާރު ކޮންޓްރޯލްކުރާ މަޖިލީހުގެ މެންބަރުން ވަނީ އިތުރަށް ހަރަދުކުރި އަދަދުގެ ތަފުސީލު ހޯދުމަށްވެސް ދެކޮޅު ހަދާފައެވެ. 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މިދިޔަ ހުކުރު ދުވަހު ބަޖެޓް ދިރާސާކުރާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މެންބަރަކުވަނީ ސަރުކާރުން ބަޖެޓުގެ ބޭރުން ހަރަދުކުރި 5.8 ބިލިއަން ރުފިޔާ ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދަން ހުށަހަޅާފައެވެ. ނަމަވެސް ސަރުކާރު މެންބަރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.
އެހެންކަމުން, ދައުލަތުގެ އެއްބާރުން ދައުލަތުގެ ބަޖެޓް ބޭނުން ގޮތަކަށް, ރައްޔިތުންގެ މަޖިލީހުގެ ފާސްނުކޮށް ހަރަދުކުރާއިރު އަނެއް ދެ ބާރުން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓްވެސް ބޭނުންކުރަން ސަރުކާރުގެ ހުއްދަ ހޯދާށެވެ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވާ "ޑިމޮކްރެޓިކް ވެށްޓެއްގައި، އެ ބާރެއްގެ ދައުރު އަދާކުރާނެ ޖާގަ" ދެވުނީ ކިހާވަރަކަށްތޯއެވެ.
ހިޔާލު
ގުޅުންހުރި