ރާއްޖެރައްޔިތުންގެ މަޖިލިސް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 42.8 ބިލިއަން މަޖިލީހުން ފާސްކޮށްފި
28/11/2022
ޒައިން ރަޝީދު
ޝެއަރ
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 42.8 ބިލިއަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބަޖެޓް މަޖިލީހުން ފާސްކުރީ ސަރުކާރުން ހުށަހެޅި ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލީހުން މިއަދު ފާސްކުރީ 42.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާގެ ބެޖެޓްގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 40.6 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް 2.1 ބިލިއަން ރުފިޔާއެވެ.
ބަޖެޓަށް ކޮމިޓީން ބަދަލުގެ ގެނައީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓުންނެވެ. އޮފީސްތަކުގެ ބަޖެޓުން 14 އޮފީހެއްގެ ބަޖެޓަށް 36 މިލިއަން ރުފިޔާ ބަޖެޓް ކޮމެޓީން ވަނީ އިތުރުކޮށްފައެވެ. އަދި ޖުމުލަ 160,531,484 (ސަތޭކަ ފަސްދޮޅަށް މިލިއަން ފަސް ލައްކަ އެއްތިރީސް ހާސް ހަތަރުސަތޭކަ އައްޑިހަ ހަތަރު) ރުފިޔާ ބަޖެޓަށް އިތުރުކޮށްފައިވެއެވެ.
މިއަދު ބަޖެޓް ފާސްކުރިއިރު މިއަހަރުގެ ބަޖެޓަށް ސަރުކާރުން އިތުރުކުރި 5.8 ބިލިއަން ވަނީ ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައެވެ. ފާއިތުވި ދެ އަހަރުވެސް ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށެވެ.
މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރެ އިތުރަށް ހަރަދު ކުރަންޖެހިއްޖެނަމަ ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ފާސްކުރަންޖެހެއެވެ. އަދި ހަރަދު ކުރަންޖެހޭނީ މަޖިލީހުން ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމަށްފަހުގައެވެ. ނަމަވެސް މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ 2021 ވަނަ އަހަރުގެ ބަޖެޓަށް 2.2 ބިލިއަން އިތުރުކޮށްފައެވެ. އަދި އެ އަދަދު މަޖިލީހަށް ފޮނުވީ 2022 ވަނަ އަހަރުގެ ބަޖެޓާއެކުގައެވެ. އަދި މިއަހަރުގެ ބަޖެޓަށްވެސް އިތުރުކުރި 5.8 ބިލިއަން ރުފިޔާ މަޖިލީހަށް ފޮނުވީ އަންނަ އަހަރުގެ ބަޖެޓާއެކު ގައެވެ. އަދި މިއަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ މަޖިލީހުން ފާސްނުކޮށް ބިލިއަނަކަށްވުރެ ގިނައިން ހަރަދުކޮށްފައެވެ.
ހިޔާލު
ގުޅުންހުރި