ރާއްޖެސަރުކާރު

ރައީސް ސޯލިހް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައިފި

19/12/2022

ޒައިން ރަޝީދު


ޝެއަރ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިރޭ ސޯލްޓް ކެޕޭގައި ބޭއްވި މި ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ 120 މެންބަރުން ބައިވެރިވިކަމަށް މައުލޫމާތު ލިބެއެވެ. އަދި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާ, ރިޔާސީ ޕްރައިމަރީގެ ކެންޕެއިނާ ގުޅޭ ގޮތުން މެންބަރުންނާ މަޝްވަރާ ކުރައްވާފައެވެ.

ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރައީސް ސޯލިހްގެ ރިޔާސީ ޕްރައިމަރީ ކެންޕެއިނާ ގުޅޭ ގޮތުންނެވެ. ބައްދަލުވުމުގައި ބައިވެރިވި 120 މެންބަރުން ރައީސް ސޯލިހަށް ބައިއަތުހިފާ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް މެންބަރުން ވިދާޅުވިއެވެ.

ރައީސް ސޯލިހް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަދި ރަސްމީކޮށް އާންމުކޮށް އިއުލާނެއް ނުކުރެއެވެ. ނަމަވެސް ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ރައީސް ސޯލިހް ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވާނެކަން އެމަނިކުފާނު ވަނީ އިއްޔެ އިއުލާން ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ.

ހިޔާލު


ގުޅުންހުރި