ރާއްޖެސަރުކާރު

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ޑިއުޓީ ކަނޑާލަނީ

21/12/2022

ޒައިން ރަޝީދު


ޝެއަރ

ކުރިއަށް އޮތް ދެމަސް ތެރޭގައި ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ޑިއުޓީ ކަނޑާލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަސްވެގެން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ޑިއުޓީ ކަނޑާލާނެކަން އިނގިރޭސި ސަރުކާރުގެ ވެރިން ވިދާޅުވެފައިވައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ޑިއުޓީ ކަނޑާލަނީ ރާއްޖެއަށް ހެޔޮއެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތަކުން ކަމަށެވެ.

"މިއީ އުފާވެރި ޚަބަރެއް. މިކަން މިވަނީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ޑިއުޓީ ކަނޑާލާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު, ޔޫރަޕްގެ އިއްތިހާދުން ވަނީ ރާއްޖެއިން އެތެރެކުރާ މަހުން ބޮޑުތަކުން ޑިއުޓީ ބޮޑުކޮށްފައެވެ. އަދި ޑިއުޓީ ކުޑަ ކުރުމަށް އީޔޫޫއިން ވަނީ ބޮޑެތި ޝަރުތުތައް ކުރިމަތިކޮށްފައެވެ. އޭގެ ތެރޭގައި މަރުގެ އަދަބު ތަންފީޒު ނުކުރާނެކަމުގެ ޔަގީންކަމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ހުއްދަ ދިނުން ފަދަ ޝަރުތުތައް ހިމެނެއެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕްގެ އިއްތިހާދުގެ ގައުމަކަށް ނުވާތީ, އީޔޫގެ އުސޫލުތައް އިނގިރޭސިން މިހާރު ދަމަހައްޓާކަށް ނުޖެހެއެވެ.

ސަރުކާރުން ދަނީ ރާއްޖެއިން އީޔޫއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކުޑަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުންވެސް އީޔޫގެ ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައިވެސް ޑިއުޓީކޮށް ދިނުމަށް އެދިވަޑައިގަތެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީންވެސް އެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި