ރާއްޖެސަރުކާރު

ރައީސް މައުމޫން ށ. މިލަންދޫއަށް، ރަތްދޫލައިގެ ހޫނު މަރުހަބާއެއް

21/12/2022

ޒައިން ރަޝީދު


ޝެއަރ

ކުރީގެ ރައީސް އަދި މޯލްޑިވްސް ރީފޯމް މޫވްމަންޓް, އެމްއާރުއެމްގެ ޒަޢީމް ރައީސް އަލްއުސްތާޛު މައުމޫން އަބްދުއްޤައްޔޫމްގެ ދެކަނބަލުން ށ. މިލަންދޫއަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް މައުމޫން އާއި އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް ބުދަ ދުވަހު ށ. މިލަންދޫއަށް ވަޑައިގަތީ މިލަންދޫގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް، މިލަންދޫ ކައުންސިލާއި ރައްޔިތުންގެ ދައުވަތަކަށެވެ.

ރައީސް މައުމޫންގެ ދެކަނބަލުން މިލަންދޫއަށް ވަޑައިގެންނެވިއިރު މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި ރަށު ކައުންސިލް މެންބަރުންނާއި އެ ރަށު ރައްޔިތުން ތިބީ ބަނދަރުމަތީ ރަތްދޫލަ އަޅައިގެން އެމަނިކުފާނުގެ އިސްތިގުބާލުގައެވެ.

ރައީސް މައުމޫނުގެ ދެކަނބަލުންނަށް އެރަށުން ވަނީ ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް މައުމޫންގެ އަރިހުގައި ދަރިކަނބަލުން އަދި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ބައިވެރިވެވަޑައިގަތެވެ.

މިއީ ގިނަ އަހަރުތަކަކަށްފަހު ރަސްމީ ދަތުރުފުޅެއްގައި ރައީސް މައުމޫން އަތޮޅުތެރެއަށް ވަޑައިގެންނެވި ފުރަތަމަ ފަަހަރެވެ.

ށ. މިލަންދޫ އާބާދުކޮށް، ށ. މާކަނޑޫދޫ ރައްޔިތުން އެ ރަށުގައި ވަޒަންވެރިކުރުމުގެ މަސައްކަތަކީ ރައީސް މައުމޫންގެ ޒައާމަތުގައި ފަށައި، އެއްކޮށް ނިންމި މަސައްކަތެއް ކަމަށް އެމްއާރުއެމްއިން ބުނެއެވެ.

ހިޔާލު


ގުޅުންހުރި