ރާއްޖެސަރުކާރު

ޔުމްނާއަށް މުސާރައާއި އިނާޔަތެއް ނުދެން: ޖެންޑަރ މިނިސްޓްރީ

22/12/2022

ޒައިން ރަޝީދު


ޝެއަރ

އަދާލަތް ޕާޓީގެ ރައީސް, އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުاللهގެ އަނބިކަނބަލުން ފާތިމަތު ޔުމްނާއަށް މުސާރައާއި އެލަވެންސް ނުދޭކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން މިއަދު މީޑިއަށް ފޮނުވި މެސެޖެއްގައި މިހެން ވިދާޅުވީ, ޖެންޑަރ މިނިސްޓްރީގެ ކުރީގެ ނައިބު ވަޒީރު ޔުމްނާ ކިޔަވާ ވިދާޅުވާން ތައިލޭންޑަށް ވަޑައިގަތީ ދައުލަތުން މުސާރައާއި އިނާޔަތް ލިބޭގޮތަށްކަމަށް ބުނެ މީޑިއާގައި ޚަބަރު ފަތުރަމުންދާތީއެވެ.

ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން ތައިލޭންޑަށް ދިރިއުޅުން ބަދަލުކުރެއްވުމުގެ ކުރިން ޔުމްނާ ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ނައިބު ވަޒީރުގެ މަގާމުގައެވެ. ސިޔާސީ މަގާމެއްގައި ހުރެ ފުލްޓައިމްކޮށް ނުކިޔެވޭތީ ޔުމްނާ ވަނީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ޔުމްނާ މަތީ ތައުލީމު ހާސިލުކުރުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވާތީވެ، މަގާމުން އިސްތިއުފާ ދެއްވި ތާރީހުން ފެށިގެން މިނިސްޓްރީން އޭނާއަށް މުސާރައެއްވެސް އަދި އެލަވަންސްއެއް ވެސް ދީފާ ނުވާނެކަމަށެވެ. ނަމަވެސް މިނިސްޓްރީން މިހެން ވިދާޅުވި ނަމަވެސް ސަރުކާރުން މިނިސްޓްރީގައި އާ މަގާމެއް އުފައްދަވާ, ޔުމްނާއަކީ މިނިސްޓްރީގެ ކޮންސަލްޓެންޓުގެ ގޮތުގައި ހަމަޖައްސަވާކަން ސަރުކާރުގެ އޮފިޝަލުން ވަނީ މީޑިއާއަށް ޔަގީންކޮށް ދީފައެވެ. އަދި މިކަމާ ގުޅޭގޮތުން މީޑިއާއިން ޖެންޑާ މިނިސްޓްރީއާ މީގެ ކުރިން ސުވާލުކުރުމުން ޔުމްނާ ކޮންސަލްޓެންޓެއްގެ މަގާމަށް އައްޔަނުކުރި ތާރީހު ޔަގީންކޮށްފައި ދަންނަވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެހެން ނަމަވެސް މިއަދު މިނިސްޓްރީން ކުރި މަސެޖުގައި ބުނީ މިނިސްޓްރީ އެއްވެސް ވަރަކަށް ޔުމްނާއަށް މުސާރައެއް ނުދޭކަމަށެވެ.

ޔުމްނާގެ ފިރިކަލުން އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުالله އަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އެވެ. ޔުމްނާގެ އިތުރުންވެސް އަދާލަތު ޕާޓީއަށް ނިސްބަތްވާ މީހުންނަށް, މި ސަރުކާރުން ވަނީ ސިޔާސީ މަގާމް އުފައްދާ, އެ ބޭފުޅުން އެ މަގާމްތަކަށް އައްޔަނުކޮށްފައެވެ. އެގޮތުން ދާދިފަހުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް, ޝައިޙް އިލްޔާސް ހުސެއިންގެ ދަރިކަލުން އައްމާރު އިލްޔާސް ވަނީ ވަޒީރުގެ ނައިބު ފެންވަރުގައި ސަލްމާންގެ މިސްކިތުގެ އިމާމަކަށް ހަމަޖައްސާފައެވެ.

ހިޔާލު


ގުޅުންހުރި