ރާއްޖެއިދިކޮޅު

މޯދީ ހިތްހަމަ ނުޖެހެންޏާ ޖަލަށްދާން ޖެހިދާނެ، އެކަމަކު އަޑެއް ކަނޑުވައެއް ނުލެވޭނެ: ރައީސް ޔާމީން

23/12/2022

ޒައިން ރަޝީދު


ޝެއަރ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިތްހަމަ ނުޖެހޭނަމަ ޖަލަށްދާން ޖެހިދާނެކަށާއި ޖަލަށްލިޔަސް އެމަނިކުފާނުގެ އަޑު ނުކެނޑޭނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިރޭ މާލޭގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ރާއީސް ޔާމީން ވަނީ އަނެއްކާވެސް އިންޑިއަށް ވަރަށް ބޮޑަށް ފާޑުވިދާޅެވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޖަލަށްލިޔަސް އެމަނިކުފާނުގެ އަޑު ކަނޑުވައެއް ނުލެވޭނެކަމަށާއި އަދި ވިސްނުންފުޅުވެސް ބަދަލު ނުވާނެކަމަށެެވެ.

"މޯދީ ހިތްހަމަ ނުޖެހެންޏާ މާދަމާ ނޫން އަނެއްދުވަހުވެސް ޖަލަށްދާން ޖެހިދާނެ، އެކަމަކު އަޑެއް ކަނޑުވައެއް ނުލެވޭނެ، ވިސްނުމަކަށް ބަދަލެއް ނާންނާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދުއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި އަބްދުالله ޝާހިދު ވަނީ ރައީސް ޔާމީނަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޝާހިދު ވިދާޅުވީ ކުރިން ދަރިވަރުންނަށް ހަރަދުކުރަން ހުރި ފައިސާ ވަނީ ހެވޭރުކޮޅުގައި ހަދާފައިވާ ގެ [ރައީސް ޔާމީންގެ ގެކޮޅަށް] ކަމަށެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ އެއްޓަވަރު ފަހަތައް ކަހާލިކަމަށް ވިދާޅުވިއެވެ.

މިރޭ ރައީސް ޔާމީން ވިދާޅުވީ ޝާހިދުގެ ހާރިޖީ ސިޔާސަތަކީ 'ކަސްބީ' ސިޔާސަތެއް ކަމަށެވެ. ކަސްބީ ސިޔާސަތެއް ކަމަށް ސިފަކުރަނީ އިންޑިއާ ނޫން އެހެން ދިމާލަކަށް ނުދެވޭތީއާއި ރާއްޖޭގެ އިސްތިގުލާލު ވިއްކާލުމަށްފަހު ނާށި ގަނޑުހިފައިގެން ސަލާންޖަހާތީ ކަމަށެވެ. މީގެ އިތުރުން ޝާހިދުގެ ހާރިޖީ ސިޔާސަތުގައި ލިބޭނެ ކަމަށް ބުނެ ބަޖެޓްކުރި ބޭރުގެ އެހީ ނުލިބޭކަން ފާހަގަކޮށް އެކަމަށްވެސް ރައީސް ޔާމީން ފާޑު ވިދާޅުވިއެވެ.

ރައީސް ޔާމީން މިރޭ ސަރުކާރާއި ރާއީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ފާޑުވިދާޅުވެ ވާހަަކަފުޅު ދެއްކެވިއިރު, ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުކުމް އިއްވުން އާދީއްތަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.

ހިޔާލު


ގުޅުންހުރި