ރާއްޖެސަރުކާރު

ސަރުކާރާ އެއްބަސް ނުވެވުނު ސަބަބަކީ ދައުލަތުގެ ދަރަނީގެ މައްސަލަ: ރައީސް ނަޝީދު

28/12/2022

ޒައިން ރަޝީދު


ޝެއަރ

ސަރުކާރާ އެއްބަސްނެވުނު އެންމެ ބޮޑު ސަބަބަކީ ދައުލަތުގެ ދަރަނީގެ މައްސަލަކަމަށް އެމްޑީޕީގެ ރައީސް, އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރަމަރީގެ ކެންޕެއިން ފެއްޓެވުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި އެއްވުމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައީސް ސާލިހުއާ އެންމެ ބޮޑަށް އެއްބަސް ނުވެވުނީ ދައުލަތުގެ ދަރަނި މެނޭޖްކުރުމުގެ މައްސަލާގައި ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ދަރަނީގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަމުން ގެންދެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ އަހަރުގައި ޓެކްސް ބޮޑުކޮށް, ދައުލަތުގެ ހަރަދު ކުޑަކުރާންޖެހި ދަތީގެ ތެރެއަށް ރައްޔިތުން ދާންޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރުން ދަރަނި ދައްކަން އަލުން އިތުރަށް ދަރަނި ނެގިކަން ފާހަގަކޮށް, އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ސަރުކާރުން އަމަލު ނުކުރެއްވި ކަމަށް ވިދާޅުވިއެވެ.

"2019 ވަނަ އަހަރުއްސުރެން ފެށިގެން ހަފްތާއެއް ނުދާނެ އަޅުގަނޑު ނުދަންނަވާ, ރައީސްއޭ ދަރަނި, ދަރަނި, ދަރަނި, ދަރަނި. ރާއްޖޭގެ ވެރިއެއް ރައްޔިތުންނަކަށް ވެރިކަމެއް ނުކޮށްދެވޭނެ ފަހު ވަކިލާރިއަށް ނުބަލަންޏާ. ލާރިކޮޅަށް ވާގޮތް ކޮންމެ ދުވަހަކު ހަވީރު ބައްލަވާންޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2023 ގައި އުފެދޭނީ އެމަނިކުފާނުގެ ސަރުކާރެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ޓެކްސް ކުޑަކޮށް, އިންފްލެޝަން ރޭޓް ދައްކުރާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މެނިފެސްޓޯގައި ނޫ އިގްތިސާދުގެ ދަަށުން މަސްވެރިންނަށް ކޮށްދޭންޖެހޭ ކަންކަން ރިއްޗަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމަށްވެސް ރައީސް ސާލިހް ރިއެކްޓެއް ނުކުރެއްވި ކަމަށެވެ.

ގިނަ ބަޔަކު ބައިވެރިވި ބައްދަލުވުމުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ސާލިހް ވެއްޖެނަމަ, އެމްޑީޕީއަށް ލިބޭނީ 20 އިންސައްތަ ވޯޓުކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވީ އެމްޑީޕީ ދެ ވަނަ ބުރަށް ނުގޮސްދާނެކަމުގެ ބިރު އޮތަތީކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާއްދަކުރައްވާނީ ރައީސް މުޙައްމަދު ނަޝީދުއާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހްއެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 28 ވަނަ ދުވަހުގައެވެ.

ހިޔާލު


ގުޅުންހުރި