ރާއްޖެސަރުކާރު

ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކުރައްވާނެކަމަށް ރައީސް އަނެއްކާވެސް ވިދާޅުވެއްޖެ

05/01/2023

ޒައިން ރަޝީދު


ޝެއަރ

ނުކުޅެދޭ މީހުންނަށް ސަރުކާރުން ދޭ އިނާތް ބޮޑުކުރައްވާ, އެކަމުގެ ތަފުސީލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް އަނެއްކާވެސް ވިދާޅުވެއްޖެއެވެ. ފާއިތުވި އަހަރު އެލަވެންސް ބޮޑުކުރައްވާނެކަމަށް ރައީސް ދެ ފަހަރު ވިދާޅުވިއެވެ. ނަމަވެސް އަހަރު ނިމުނީ އެލަވެންސް ބޮޑުނުކޮށެވެ.

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ރ. އަލިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ފުރިހަމަ ރަޖިސްޓްރީއެއް ތައްޔާރުކުރެވިގެން ދިޔުމުން, ކޮންމެ މީހަކަށް ބޭނުންވާނެ އެހީތެރިކަމާއި، އެހީ ދޭންޖެހޭނެ މިންވަރާއި، ދޭންޖެހޭނެ ހިދުމަތްތައް ދަފްތަރުން ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މިވަގުތު ގެންނަންޖެހިފައި އޮތް ބަދަލު ގެނައުމަށް، މި ދަފްތަރުން މަގުފަހިވެގެންދާނެކަމަށާއި ގެނެވޭ ބަދަލު ލަސްތަކެއްނުވެ ހާމަކުރާނެކަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރުވަނީ އިފްތިތާހު ކުރައްވާފައެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެލަވެންސް ބޮޑުނުވެ ލަސްވަނީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރަމުދާތީކަމަށެވެ. އަދި ދަފުތަރާއެކު އެލަވެންސް ބޮޑުކުރައްވާނެކަމަށް ތަކުރާރުކޮށް މިދިޔަ އަހަރު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރު މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެލަވެންސް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ފަހުން ސެޕްޓެމްބަރު ބޭއްވި ވިޔަވަތި ފޯރަމްގައި ވިދާޅުވީ އަނެއްކާވެސް ދަފްތަރުގެ މަސައްކަތް ނިމުމުން އެލަވެންސް ބޮޑުކުރައްވާނެ ކަމަށެވެ. ނަމަވެސް އަހަރު ނިމުނީ އެލަވެންސް ބޮޑު ނުކޮށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވެންސް ބޮޑުކުރުމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުގައި ހިމަނާ, އެފައިސާ ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ބަޖެޓާއެކު ވަނީ ފާސްކޮށްފައެވެ. އެހެންކަމުން ސަރުކާރުން އެލަވެންސް ބޮޑުކުރާނެކަމަށް ބެލެވެނީ ރިޔާސީ އިންތިހާބާ ވީހާވެސް ކައިރިކޮށްފައެވެ.

ހިޔާލު


ގުޅުންހުރި