ރާއްޖެސަރުކާރު

ގިރާވަރުފަޅު ތަރައްގީ ކުރަން, ނ. ދެކެނަންފަރާއި އެރަށާޖެހިގެން އޮތް ފަޅު 22 މިލިއަން ޑޮލަރަށް ވިއްކާލައިފި

06/01/2023

ޒައިން ރަޝީދު


ޝެއަރ

މާލެ އަތޮޅު ގިރާވަރުފަަޅު ހިއްކާ އެތަނުގައި ސިޓީއެއް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދަން ނ. އަތޮޅު ދެކެނަންފަރާއި އެރަށްކައިރީގައި އޮތް ފަޅު ސަރުކާރުން 22 މިލިއަން ޑޮލަރު (341.4 މިލިއަން ރުފިޔާ) އަށް ސުވިޒަލޭންޑްގެ ކުންފުންޏަކަށް ވިއްކާލައިފިއެވެ.

ގިރާވަރުފަޅު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދާދިފަހުން ސަރުކާރުން އުފެއްދި 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއެވެ. އެހެންކަމުން ދެކެނަންފަރާއި އެރަށާ ކައިރީގައި އޮންނަ ފަޅު ވިއްކާލީ އެމްއެފްއެމްސީ މެދުވެރިކޮށެވެ.

ރަށާއި ފަޅުގެ އެކިއުސިޝަން ފީގެ ގޮތުގައި 22 މިލިއަން ޑޮލަރު ސަރުކާރަށް ހޯދާއިރު, މި ފައިސާގެ ތެރެއިން 6 މިލިއަން ޑޮލަރު ނިއުޒިލޭންޑް ކުންފުނިން މިހާރުވަނީ ސަރުކާރަށް ދައްކާފައެވެ. މި 6 މިލިއަންގެ ތެރޭގައި ހިމެނެނީ ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ދިން 5 މިލިއަން ޑޮލަރާއި އެކިއުސިޝަން ފީގެ ތެރެއިން 1 މިލިއަން ޑޮލަރެވެ.

ނިއުޒިލޭންޑް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ 26 ޑިސެންބަރު 2022 ގައެވެ. އެއްބަސްވުމުގައިވާ ގޮތުން ސޮއިކުރާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބާކީ 21 މިލިއަން ޑޮލަރު (325.9 މިލިއަން ރުފިޔާ) ދައްކަންޖެހޭނެއެވެ.

"ކައުންސިލާ މަޝްވަރާ ނުކުރޭ, ހުއްޓުވާނަން"

މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި ޓޫރިޒަމް މިނިސްޓްރީން ނ. ދެކެނަންފަރާއި ފަޅު ވިއްކާލީ ނ. އަތޮޅު ކައުންސިލާއި އަތޮޅުގެ ރައްޔިތުންނާ މަޝްވަރާނުކޮށް ކަމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރު ތުހުމަތުކުރައްވައެވެ. އަތޮޅު ކައުންސިލްގެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަށް ނައަންގާ ޓޫރިޒަމް މިނިސްޓްރީން ކައުސިލާއެކު ބައްދަލުވުމެއް ބޭއްވިކަމަށެވެ. އަދި އެގޮތަށް ކަންތައް ނުކުރެއްވުމަށް އޭނާ ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުالله މައުސޫމަށް މެސެޖަކުން ދަންނަވާފައެވެ.

މީގެ އިތުރުން ބަޝީރު ވިދާޅުވީ ނޫނު އަތޮޅުގަ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ 1300 އާއިލާ އެބަތިބިކަމަށާއި އެމީހުންގެ ހައްގު ނުލިބި އަތޮޅު ވިއްކާ ކައިފަ, މާލޭ ގޮޅިއަކަށް މަހާލާ, ބޮލުގަ ދަރަންޏެއް ނޭޅުވޭނެކަމަށެވެ. އަދި މިކަން ހިންގަނީ ގާނޫނާ ހިލާފަށް ކަމަށާއި ފަޅު ވިއްކުން ހުއްޓުވާނެކަމަށް އޭނާ ވިދާޅުވިއެވެ.


ބަޝީރު މިހެން ވިދާޅުވި ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެނގިފައިވާ ގޮތުގައި އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުންތަކަށް ބަޝީރުއަށްވެސް ދައުވަތު އެރުވިއެވެ. އަދި ވަކި ހިސާބަކުން އެ ބައްދަލުވުމުގައި ބަޝީރު ބައިވެރިވެ, ޓޫރިޒަމް މިނިސްޓްރީންގެ އޮފިޝަލުންނަށް ފާޑުވިދާޅުވިއެވެ.

އަަވަސް އަރުވާލައިގެން އެއްބަސްވުމުގައި ސޮއިކުރީ ކީއްވެ؟

ޓޫރިޒަމް މިނިސްޓްރީއާއި އެމްއެފްއެމްސީން އެއްބަސްވުމުގައި އަވަސް އަރުވާލައިގެން ސޮއިކުރި މައިގަނޑު ސަބަބަކީ ޓޫރިޒަމްގެ ގާނޫނަށް ގެނައި 10 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން އެ އިސްލާހު ތަސްދީގުކުރާތާ 2 އަހަރު ފަހުން, ރިސޯޓުތަކުގެ ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރާނަމަ 10 މިލިއަން ޑޮލަރު ދައްކަންޖެހޭނެއެވެ.

އަދި ދެ އަހަރު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކުރާނަމަ ދައްކަންޖެހޭނީ 5 މިލިއަން ޑޮލަރެވެ. ގާނޫނުގައި ބުނާ މުއްދަތު ހަމަވަނީ 26 ޑިސެންބަރަށެވެ. އެހެންކަމުން ނިއުޒިލޭންޑް ކުންފުނިން ޝަރުތުކުރީ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކޮށް 99 އަހަރަށް އިތުރުކުރުމަށް 10 މިލިއަންގެ ބަދަލުގައި 5 މިލިއަން ޑޮލަރު ދެއްކުމުގެ ފުރުސަތު ދިނުމަށެވެ. އެހެންކަމުން ދެކެނަންފަރާއި އެރަށްކައިރީގައި އޮތް ފަޅު ވިއްކައިގެން ސަރުކާރަށް ޖުމުލަ 27 މިލިއަން ޑޮލަރު (419 މިލިއަން ރުފިޔާ) ލިބޭނެއެވެ.

ގިރާވަރުފަޅުގައި ރެސިޑެންޝަލް ސިޓީއެއް ތަރައްގީކޮށް, އެތަނުން މާލޭ ރައްޔިތުންނަށް 2,000 ގޯތި ދޫކުުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ހިޔާލު


ގުޅުންހުރި