ވިޔަފާރި

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދޫކުރުން ބީއެމްއެލްއިން ލިމިޓްކޮށްފި

10/01/2023

ޒައިން ރަޝީދު


ޝެއަރ

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް, (ބީއެމްއެލް) އިން ޑޮލަރު ދޫކުރުން ލިމިޓްކޮށްފިއެވެ.

ބޭންކުން ޑޮލަރު ހޯދާ ދަރިވަރުންނަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑޮލަރު ދޫކުރާނީ އޭ ލެވެލްއިން މަތީގެ ޓާޝަރީ ފުލްޓައިމް ދަރިވަރުންނަށާއި، އޭވިއޭޝަން، ލޯ އަދި މެޑިސިންގ ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ ދަރިވަރުންނަށް އެކަނިކަމަށެވެ. މިބަދަލާއެކު އޭލެވެލްއިން ދަށުގެ ގްރޭޑް ތަކުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދޫކުރުން ބޭންކުން ވަނީ ހުއްޓާލާފައެވެ.

ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުން ޑޮލަރު ހޯދަނީ ކޮލެޖް ފީއާއި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށެވެ. އަދި ބައެއް ގައުމުތަކުގައި ކޮލެޖުތަކާއި ސްކޫލްތަކުން ފީ ބަލައިގަންނަނީވެސް ޑޮލަރުންނެވެ. އެހެންކަމުން ބީއެމްއެލް އިން ޑޮލަރު ދޫކުރުން ލިމިޓްކުރުމާ ގުޅިގެން, ދަރިވަރުންނަށް ވަނީ ކަޅު ބާޒާރުން އަގުބޮޑުކޮށް ޑޮލަރު ހޯދުމަށް މަޖުބޫރުވެފައެވެ.

ބީއެމްއެލްއިން ބައެއް ދަރިވަރުންނަށް ޑޮލަރު ދޫކުރުން ހުއްޓާލިއިރު, ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ހަރަދުކުރެވޭ މިންވަރުވެސް ބޭންކުން ވަނީ މީގެ އަހަރެއް ކުރިން ލިމިޓްކޮށްފައެވެ. އަދި ރުފިޔާ އެކައުންޓަށް ކުރިން ދޫކުރަމުން އައި ވިސާ ކްރެޑިޓް ކާޑު ދޫކުރުން ހުއްޓާލާ, ހަމައެކަނި ޑޮލަރު އެކައުޓަށް ކްރެޑިޓް ކާޑު ދޫކުރާގޮތަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް ކްރެޑިޓް ކާޑަށް ނަގާ ފީ ކުޑަކުރުމަށް ބޭންކުން ވަނީ ދެކޮޅު ހަދާފައެވެ.

މީގެ އިތުރުންވެސް ބޭންކުން ވަނީ ބީއެމްއެލްގެ ކާޑުތައް އޮންލައިން ސައިޓުތަކާއި އޮންލައިން ވޮލެޓުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައެވެ. އަދި މިދިޔަ މަހުން ފެށިގެން ވަނީ ބީއެމްއެލްގެ ކާޑުތައް އެޕަލްގެ އެޕް ސްޓޯރުގައި ބޭނުން ނުކުރެވޭ ގޮތައް ހަދާ, އެޕް ސްޓޯރުވެސް ބްލޮކް ކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތާ ދޭތެރޭ އިންތިހާއަށް އާންމުން ޝަކުވާ ކުރަމުންދާއިރު, މިހާތަނަށް ޝަކުވާތަކަށް އެއްވެސް ގޮތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ.

ހިޔާލު


ގުޅުންހުރި