ރާއްޖެސަރުކާރު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
28/01/2023
ޒައިން ރަޝީދު
ޝެއަރ
އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެއެވެ.
ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދުއެވެ. ދެ ބޭފުޅުންވެސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
ކެންޕޭނުގެ ހަރަކާތްތައް މާލެއާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދިއުމަށްފަހު, ދެ ބޭފުޅުންވެސް ކެންޕޭން ނިންމާލީ އިއްޔެ ހަވީރު މާލޭ ސަރައްދުގައި ބޭއްވި ހަރަކާތުންނެވެ. ރައީސް ސާލިޙް ހުޅުމާލޭގައި އެއްވުމެއް ބޭއްވެވިއިރު, ރައީސް ނަޝީދު ވަނީ މާލޭގައި ހިނގާލުމެއް ބާއްވާފައެވެ. އަދި ދެ ބޭފުޅުންވެސް ކެންޕޭން ނިންމާލީ އިންތިހާބު ކާމިޔާބު ކޮށްދެއްވުން އެދި ދުޢާ ކުރަމުންނެވެ.
މިއީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާން ފެށިފަހުން މިހާތަނަށް ބާއްވާ އެންމެ ވާދަވެރި ޕާޓީގެ އެތެރޭގެ އިންތިހާބެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ފުރަތަމަ ފަހަރުވެސްމެއެވެ.
ދެ ކެންޑިޑޭޓުންވެސް މީޑީއާގައި ވިދާޅުވީ އިންތިހާބު ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ ލިބޭނެއެވެ.
ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް ވަނީ ހެނދުނު ވޯޓު ލައްވާފައެވެ. ރައީސް ނަޝީދު ވޯޓު ލެއްޓީ ހެނދުނު 11:00 ގައި ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ގަލޮޅު އުތުރު ދާއިރާގެ ފޮށްޓަށެވެ.
އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އެބަދެއެވެ.
މާލޭގާއި ބަހައްޓާފައިވާ ގއ. ވިލިގިލީ ފޮއްޓަށް, ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީކަން ފަޅާ އަރާ, މައްސަލަ ހޫނުވެ ވޯޓުލުން މެދުކަނޑާލައިފިއެވެ. މައްސަލަ ހޫނުވީ ލިސްޓުގައި ނަން ނެތް މީހަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުންނެވެ. އިންތިހާބުގެ ކުރިން އެމްޑީޕީން ބުނެފައިވަނީ ލިސްޓުގައި ނަން ނެތް މީހަކަށް ވޯޓު ނުލެވޭނެ ކަމަށާއި އެފުރުސަތު ނުދޭނެކަމަށެވެ.
ގދ. ގައްދޫގައި ބެހެއްޓި ވޯޓު ފޮށީގައި މަސައްލަޖެހި, ހަމަނުޖެހުން ހިންގާ ވޯޓު ކަރުދާހާއި ވޯޓު ފޮށިތަކަށް ގެއްލުން ދީފިއެވެ. މައްސަލަ ޖެހުނީ ނަން ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުލުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
ވިލިގިލީ ވޯޓު ފޮށީގައި ޖެހުނު މައްސަލަ ހައްލުކޮށް އަލުން ވޯޓުލާން ފަށައިފިއެވެ.
ވޯޓު ގުނަން ފަށައިފި, ވަގުތީ ނަތީޖާ މިރޭ ލިބޭނެ
ހިޔާލު
ގުޅުންހުރި