ރާއްޖެސަރުކާރު

ސިނާއީ މަސައްކަތަށް ތިލަފުށިން 50 ބިން ވިއްކަން އެޗްޑީސީން އިއުލާންކޮށްފި

07/02/2023

ޒައިން ރަޝީދު


ޝެއަރ

ސިނާއީ މަސައްކަތަށް ތިލަފުށިން 50 ބިން ވިއްކަން އެޗްޑީސީން އިއުލާންކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން ހަ ކެޓަގަރީއަކުން 50 ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ވަނީ ހުޅުވާލާފައެވެ. އެޗްޑީސީން ބުނީ ބިން ވިއްކުމަށް ނިންމާފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހިން ކަމަށެވެ.

އެގޮތުން ވިއްކަން ނިންމާފައިވަނީ 2000 އަކަފޫޓުން ފެށިގެން 5000 އަކަފޫޓުގެ ބޮޑު މިނުގެ 14 ބިމާއި 5000 އަކަފޫޓުން ފެށިގެން 10,000 އަކަފޫޓު ބޮޑު މިނުގެ 20 ބިމާއި 10,000 އަކަފޫޓުން ފެށިގެން 15000 އަކަފޫޓުގެ ބޮޑު މިނުގެ 7 ބިމާއި 15,000 އަކަފޫޓުން ފެށިގެން 20,000 އަކަފޫޓުގެ ބޮޑު 7 ބިމާއި 20,000 އަކަފޫޓުން ފެށިގެން 30,000 އަކަފޫޓުގެ ބޮޑު 1 ބިމާއި 30,000 އަކަފޫޓުން ފެށިގެން 35,000 އަކަފޫޓުގެ ބޮޑު 1 ބިމެވެ.

ހުރިހާ ބިމަކަށްވެސް ބިޑު ފެށޭ އަގަކީ އަކަ ފޫޓަކަށް 1700 ރުފިޔާއެވެ.

ބިން ވިއްކުމުގެ ފުރަތަމަ މަރުހަލާގައި އޮންނާނީ ބިން ގަތުމަށް ޝައުގުވެރިކަން ފާޅުކުރުމެވެ. އެކަން އެޗްޑީސީން ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރެވޭނެކަމަށް އެޗްޑީސީން ބުނެއެވެ. އަދި ދެވަނަ މަރުހަލާފައި ބިމަށް ބިޑުކުރުމަށް ފުރުސަތު ހުޅުވާލާނެއެވެ.

ދިވެހިންނާ އެއްގޮތަށް ބިދޭސީންނާއި ބިދޭސީ ކުންފުނިތަކަށްވެސް ބިން ގަނެވޭނެކަމަށް އެޗްޑީސީން ބުނެއެވެ. ބިން ގަންނަނީ ބިދޭސީއެއް ނަމަ އެ ފަރާތަކަށް ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.

އެޗްޑީސީން ބިދޭސީންނަށް ބިން ވިއްކަން ނިންމުމާ ގުޅިގެން ސިޔާސީ ބައެއް ޕާޓީތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބޭރުގެ ކުންފުނިތަކަށް ބިން ވިއްކުމަނީ ދިވެހިންނާއި ދިވެހި ވިޔަފާރިތައް އިނދެޖެހޭނެ ކަމެއް ކަމަށް ޕާޓީތަކުން ބުނެއެވެ. ކަންބޮޑުވުން ފާޅުކުރަމުންދާ ޕާޓީތަކުގެ ތެރޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންނާއި ސަން ސިޔާމްގެ އެމްޑީއޭ ހިމެނެއެވެ.

ބިދޭސީންނަށް ބިން ވިއްކުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅިއެވެ. ނަމަވެސް ސަރުކާރުގެ މެންބަރުން ކޮންޓްރޯލް ކުރާ މަޖިލީހުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި އެޗްޑީސީން ބިދޭސީންނަށް ތިލަފުށިން ބިން ވިއްކަނީ ރިޔާސީ އިންތިހާބުގެ ކޭންޕޭން ބޭނުންވާ ފައިސާ ހޯދުމަށެވެ.

ހިޔާލު


ގުޅުންހުރި