ރާއްޖެއިދިކޮޅު
ތިލަފުށިން ބިން ވިއްކަނީ ނުއަގުގައި އިންޑިއާ ކުންފުނިތަކަށް ދޭން: ސަޢީދު
08/02/2023
ޒައިން ރަޝީދު
ޝެއަރ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން ތިލަފުށިން ވިއްކަން އިއުލާން ކޮށްފައިވާ ބިންތައް ވިއްކަނީ ނުއަގުގައި އިންޑިއާ ކުންފުނިތަކަށް ދޭންކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ސަޢީދު ވިދާޅުވީ ދިވެހިންނާއި އެއްވަރަށް ބިދޭސީންނާއި ބިދޭސީ ކުންފުނިތަކަށް ބިން ގަނެވޭ ގޮތަށް ތިލަފުށިން 50 ބިން ވިއްކަން އިއުލާންކޮށްފައިވަނީ, ތިލަފުށީ ޕޯޓު ތަރައްގީ ކުރުމަށްފަހު އެކުންފުނިތަކުން އަގު ބޯޑުކޮށް އަނބުރާ ދިވެހިންނަށް އެ ބިންތައް ވިއްކާނެކަމަށެވެ.
އިންޑިއާގެ ގުޖުރާތުގައިވެސް އެފަދަ މައްސަލައެއް ދިމާވިކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ, އެޗްޑީސީން ބިން މިހާރު ވިއްކަން އިއުލާންކޮށްފައިވަނީ ނުއަގުގައިކަމަށެވެ. އެޗްޑީސީން އިއުލާން ކޮށްފައިވާ ގޮތުން ބިމުގެއަކަ ފޫޓަކަށް ބިޑުކުރުމުގެ އެންމެ ދަށް އަގަކަށް ކަނޑައަޅާފައިވަނީ 1700 ރުފިޔާއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން ރޭ ކުރި އިއުލާނުގައިވާ ގޮތުން ހަ ކެޓަގަރީއަކުން 50 ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ވަނީ ހުޅުވާލާފައެވެ. އެޗްޑީސީން ބުނީ ބިން ވިއްކުމަށް ނިންމާފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހިން ކަމަށެވެ. އެކުންފުނިން އެހެން ވިދާޅުވިއިރު, ތިލަފުށީ ދެވަނަ ފިޔަވަހި ހިއްކަންވެސް އަދި ނުފަށައެވެ.
ވިއްކަން ނިންމާ އިއުލާންކުރީ 2000 އަކަފޫޓުން ފެށިގެން 5000 އަކަފޫޓުގެ ބޮޑު މިނުގެ 14 ބިމާއި 5000 އަކަފޫޓުން ފެށިގެން 10,000 އަކަފޫޓު ބޮޑު މިނުގެ 20 ބިމާއި 10,000 އަކަފޫޓުން ފެށިގެން 15000 އަކަފޫޓުގެ ބޮޑު މިނުގެ 7 ބިމާއި 15,000 އަކަފޫޓުން ފެށިގެން 20,000 އަކަފޫޓުގެ ބޮޑު 7 ބިމާއި 20,000 އަކަފޫޓުން ފެށިގެން 30,000 އަކަފޫޓުގެ ބޮޑު 1 ބިމާއި 30,000 އަކަފޫޓުން ފެށިގެން 35,000 އަކަފޫޓުގެ ބޮޑު 1 ބިމެވެ.
ދިވެހިންނާ އެއްގޮތަށް ބިދޭސީންނާއި ބިދޭސީ ކުންފުނިތަކަށްވެސް ބިން ގަނެވޭނެކަމަށް އެޗްޑީސީން ބުނެއެވެ. ބިން ގަންނަނީ ބިދޭސީއެއް ނަމަ އެ ފަރާތަކަށް ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.
ބިން ވިއްކާ މައްސަލާގައި ފާޑުކިޔުންތައް އަމާޒުވުމުން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީންނަށް ހާއްސަކޮށްފައިވަނީ ވިއްކާ ބިމުގެ 10 އިންސައްތަކަމަށެވެ. އަދި 90 އިންސައްތަ ވިއްކާނީ ދިވެހިންނަށެވެ.
އެޗްޑީސީން ބިދޭސީންނަށް ބިން ވިއްކަން ނިންމުމާ ގުޅިގެން ސިޔާސީ ބައެއް ޕާޓީތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބޭރުގެ ކުންފުނިތަކަށް ބިން ވިއްކުމަނީ ދިވެހިންނާއި ދިވެހި ވިޔަފާރިތައް އިނދެޖެހޭނެ ކަމެއް ކަމަށް ޕާޓީތަކުން ބުނެއެވެ. ކަންބޮޑުވުން ފާޅުކުރަމުންދާ ޕާޓީތަކުގެ ތެރޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންނާއި ސަން ސިޔާމްގެ އެމްޑީއޭ ހިމެނެއެވެ.
އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި އެޗްޑީސީން ބިދޭސީންނަށް ތިލަފުށިން ބިން ވިއްކަނީ ރިޔާސީ އިންތިހާބުގެ ކޭންޕޭން ބޭނުންވާ ފައިސާ ހޯދުމަށާއި އިންޑިއާ ކުންފުނިތަކަށް ނުއަގުގައި ބިން ދިނުމުގެ މަގުސަދުގައެވެ.
ހިޔާލު
ގުޅުންހުރި