ރާއްޖެސަރުކާރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށް ދިނުމަށް އެދި ކޯޓަށް

16/02/2023

ޒައިން ރަޝީދު


ޝެއަރ

މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށް ޕްރައިމަރީގެ ވޯޓުލުން އަލުން ބޭއްވުމަށް އަމުރުކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ކޯޓަށް މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޕޮލިސް ބޯޑުގެ މެންބަރުކަން ކުރައްވާ ހާމިދު އަބްދުލްޣަފޫރެވެ. އޭނާގެ ފަރާތުން މައްސަލާގައި ވަކާލާތު ކުރައްވަނީ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދުއެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެމްޑީޕީގެ 39,000 މެންބަރުން ޕާޓީ ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން އެ މެންބަރުންގެ ހައްގު ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އިންތިހާބު އަލުން ބާއްވައިދިނުމަށް އެދިފައިވެއެވެ.

ކޯޓަށް މައްސަލަ ހުށަހެޅިއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް އަށް އެރުވުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެމްޑީޕީ ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޖަލްސާ ޕްރޮމޯޓް ކުރުމާއި ޖަލްސާގެ ދަޢުވަތުވެސް ޕާޓީން ވަނީ ފޮނުވާފައެވެ.

ރިޔާސީ ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތުުން ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓުންނެވެ. އަދި އެމްޑީޕީ ބުނެފައި ވަނީ ނަތީޖާ ބަދަލެއް ނުވާނެކަމަށާއި ނަތީޖާއަށް އަސަރުކުރާނެ ވަރުގެ ޝަކުވާތަކެއްވެސް ލިބިފައި ނެތްކަމަށެވެ.

ހިޔާލު


ގުޅުންހުރި