ރާއްޖެސަރުކާރު

ރިޝްވަތު ނަގައިގެން އެޗްޑީސީގެ މުވައްޒަފަކު ތިލަފުށިން ބިމެއް ވިއްކި މައްސަލަ

15/03/2023

ޒައިން ރަޝީދު


ޝެއަރ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީގެ މުވައްޒަފަކު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ރިޝްވަތުގެ ގޮތުގައި ނެގުމަށްފަހު, އަމިއްލަ ފަރާތަކަށް ތިލަފުށިން ބިމެއް ވިއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ އެ މުވައްޒަފު ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާ, ބިން ވިއްކީ ދާދި ފަހުން އެޗްޑީީސީން ބިން ވިއްކުމަށް އިއުލާން ކުރުމުގެ ކުރިން މިދިޔަ ޖެނުއަރީ މަހުގައެވެ. އެޗްޑީސީން ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހިން ބިދޭސީންނާއި ދިވެހިންނަށް ބިން ވިއްކުމަށް އިއުލާންކޮށްފައެވެ.

ދިވެހިންނާއި އެއްފަދައިން ބިދޭސީންނަށްވެސް ބިން ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކާ މައްސަލަ ކުއްވެރިކޮށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅުން ވަނީ އިހުތިޖާޖުކޮށްފައެވެ.

ރިޝްވަތު ނެގި މުވައްޒަފު ބިން ވިއްކިކަން ފަޅާއެރުމުން އެޗްޑީސީން ވަނީ އެކަން ސިއްރުކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެކަން މީޑިއާއަށް ތިލަވުމުން އެކަން ކުރި މުވައްޒަފު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ. އަދި އެ މައްސަލަ އެޗްޑީސީގެ އެތެރޭގެ ޓީމަކުން ބަލަމުންދާ ކަމަށާއި އެ މައްސަލަ އަދި ފުލުހަށް ހުށަހަޅާފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލާގައި މުސާރަ ލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވަނީ މިފަދަ އެހެން މައްސަލައެއްގައިވެސް ފިޔަވަޅު އަޅާފައިވާ މުވައްޒަފެކެވެ. ނަމަވެސް އެފަހަރުވެސް އެ މައްސަލަ އެޗްޑީސީން ވަނީ ސިއްރުކޮށް އަދި ފުލުހަށްވެސް ހުށަހަޅާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އެޗްޑީސީން މަޢުލޫމާތެއް ނުދިނެވެ. އަދި ވިއްކި ބިމުގެ ތަފުސީލެއްވެސް އަދި އެކަމުގައި އިތުރު މުވައްޒަފުން ހިމެނޭ ކަމެއް ނުވަތަ ނޫން ކަމެއްވެސް ހާމައެއް ނުކުރިއެވެ.

އެޗްޑީސީގެ މުވައްޒަފަކު ރިޝްވަތު ނަގާ, ބިމެއް ވިއްކި މައްސަލަ ފެން މަތިވެފައިވާއިރު, އެހެން މުވައްޒަފަކު ވަނީ އެޗްޑީސީއަށް ފްލެޓް ކުއްޔާއި ބިމު ކުލީގެ ގޮތުގައި ދެއްކި ފައިސާއިން ވައްކަން ކޮށްފައެވެ.

އަދި އެޗްޑީސީގެ މުވައްޒަފުން އަމިއްލަ ފަރާތްތަކަށް ގުޅާ ނުއަގުގައި ތިލަފުށިން ބިން ވިއްކަމުންދާކަން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އަޒިމްވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާހަގަކުރައްވާ, އެކަމާ ސަރުކާރުން އަޅާ ނުލާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ހިޔާލު


ގުޅުންހުރި