ރާއްޖެސަރުކާރު

ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ ގޮތަށް އިސްލާހެއް

27/03/2023

ޒައިން ރަޝީދު


ޝެއަރ

ލޯފަން މީހުން އަމިއްލައަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށްޓަކައި އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން, ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައި ވަނީ، ލޯފަން މީހުން ވޯޓުލާއިރު އެކަމަށް ހާއްސަ ކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓުކަރުދާހުގައި ފާހަގަޖެހޭނެ އިންތިޒާމު، އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ އުސޫލަކުން ހަމަޖައްސައިދޭންޖެހޭ ކަމަށެވެ.

އިސްލާހް ހުށަހަޅާފައިވަނީ އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 45 ވަނަ މާއްދާގެ ނ އަށެވެ. އެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވަނީ, ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް އެދޭނަމަ، ޤާނޫނުގައި ބަޔާންކުރާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަ ޖެހިދާނެ ކަމަށް ބަޔާންކޮށެވެ. އަދި މި އިސްލާހުގެ ދަށުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ވޯޓުލާ ކޮންމެ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިދޭންވާނެ އެވެ.

މިއަދުގެ ޖަލްސާގައި އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު މި ފުރުސަތު ފަހިކޮށްދިނުމަށް އެދި ފެނުމުން މަހްރޫމްވެފައިވާ ބޭފުޅުންގެ ޖަމިއްޔާ ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މިމަހުގެ 1 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން, މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކޮށް, އެކަމުގައި ހުރި އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ހިޔާލު


ގުޅުންހުރި