ރާއްޖެރައްޔިތުންގެ މަޖިލިސް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޝާޒް މަގާމުގެ ހުވާކުރުން އަންނަ ހޯމަ ދުވަހު
20/04/2023
ޒައިން ރަޝީދު

ޝެއަރ
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޝާޒް މަގާމުގެ ހުވާކުރުން އަންނަ ހޯމަ ދުވަހު އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ޝާޒު ހުވާކުރައްވާނީ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި ބާއްވާ ރަސްމިއްޔާތެއްގައި ކަމަށެވެ. އަދި އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިބްރާހީމް ޝާޒް ގުރައިދޫ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ 48.8 އިންސައްތަ ވޯޓުންނެވެ. އެއީ 1346 ވޯޓެވެ. ޝާޒްއާ އެންމެ ގާތުން ވާދަކުރި ޕީޕީއެމް ހުސައިން ރިޒާއަށް ލިބުނީ 1226 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފްއަށް ލިބުނީ 122 ވޯޓެވެ.
މިއީ ފާއިތުވި 15 އަހަރުގެ ތެރޭގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ.
އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށި ބެހެއްޓިއެވެ. އެއީ ގުރައިދޫގައި 2 ވޯޓު ފޮށި، މާފުށީގައި 2 ވޯޓުފޮށި، ގުޅީގައި 1 ފޮށީގެ އިތުރުން އެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި 1 ވޯޓު ފޮއްޓެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެ ދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ.
ހިޔާލު
ގުޅުންހުރި