ރާއްޖެސަރުކާރު

ސިފައިންގެ ދުވަސް: ފާއިތުވި 4 އަހަރު ހާސިލްކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ މިދެކޭ ހަމަޖެހުމާއި އަމާންކަން: މާރިޔާ

21/04/2023

ޒައިން ރަޝީދު


ޝެއަރ

ފާއިތުވި 4 އަހަރު މި ސަރުކާރުން ހާސިލްކުރި އެންމެ ބޮޑު އެއް ކާމިޔާބީ އަކީ މިދެކޭ ހަމަޖެހުމާއި އަމާންކަން ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ 131 ވަަނަ ސިފައިންގެ ދުވަހުގައި ދެއްވި ހިތާބުގައެވެ. އެ ކަމަނާ ވިދާޅުވީ މިފަދަ މުނާސަބަތެއްގައި، ސިފައިންނަށް ޤާނޫނު އަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބް ހަނދާކޮށްލުމަކީ ބޭނުންތެރިކަމެއް ކަމުގައެވެ.

އަދި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީގެ 243 ވަނަ މާއްދާގައި ބަޔާންކުރާގޮތުން، ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތްކުރުންކަން ފާހަގަކުރައްވާ 2008 ވަނަ އަހަރު މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ތަޢާރަފްކޮށް، ޑިމޮކްރެސީގެ މަގަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރިފަހުން، ފާއިތުވެދިޔަ 4 އަހަރު ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ޤާއިމްވެފައި އޮތް ދުވަސްތަކެއް ދިވެހިން ދެކިފައި ނުވާނެކަމަށެވެ.

އަަދި މި ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ޙާޞިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ އަޅުގަނޑުމެން މިދެކޭ ހަމަޖެހުމާއި އަމާންކަން ކަމަށާއި ގިނަ ގޮންޖެހުންތަކާއެކުވެސް، ތަރައްޤީގެ ދުވެލީގައި، އަސްކަރީ ދާއިރާވެސް ހިމެނިގެން، ދިވެހިރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް ކަމަށް ވިދާޅުވިއެވެ.

އަދި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއްނެތި، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ތަރައްޤީގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގެއްގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ކާމިޔާބީ އާއި ފޮނި މީރުކަން ކުދި ބޮޑު ހުރިހާ ދިވެހި ރައްޔިތުން ތަޖިރިބާ ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ސިފައިންގެ ޝަރަފުގެ ހިނގާލުމާއި، އަސްކަރިއްޔާއިން ހިންގާ އެކިއެކި ޕްރޮގްރާމްތައް ރާއްޖޭގެ ކުދި ބޮޑު އެކި ރަށްރަށަށް ފުޅާވެގެން މިއަދު ދާކަމީ މިދެންނެވި ތަފާތުކުރުމެއް ނެތް ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން ގެންނަމުންދާ ބަދަލުތައްކަމަށާއި އަދި ސިފައިންގެ އިތުރު މަރުކަޒުތައް ރާއްޖޭގެ އިތުރު ސަރަޙައްދުތަކުގައި ޤާއިމްކުރުމަށްވެސް މަސައްކަތްކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި