ރާއްޖެސަރުކާރު

އީޕީއޭ މިނިވަން މުއައްސަސާއަކަށް ހެދުމަށް ސަރުކާރުންވި ވަޢުދުވެސް ބަދަލުވެއްޖެ

25/04/2023

ޒައިން ރަޝީދު


ޝެއަރ

އެންވައިރޮންމަންޓް ޕްރޮޓެކްޝަން އެޖެންސީ, އީޕީއޭއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހަދަން ސަރުކާރުން ވި ވަޢުދު ބަދަލުވެ, އެތަން މިނިވަން ކުރުމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް އެކަށޭނެ ގޮތެއް ނޫންކަމަށް މިނިސްޓަރ އޮފް އެންވައިރޮންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއިމިނަތު ޝައުނާ ވިދާޅުވެއެޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯއާއި 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ގޮތަށް އީޕީއޭ މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ މަގު ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެތަނުގެ ބަޖެޓް 9 މިލިއަނުން 15 މިލިއަނަށް ބޮޑުކޮށް, ބޭނުންވާ ވަސީލާތްތަކާއި ކަންކަން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވިޔަސް, ސަރުކާރުން އަސްލުވީ ވަޢުދަކީ އީޕީއޭ ވަކި މިނިވަން މުއައްސަސާއެއް ގޮތަށް ބަދަލުކުރުމުގެ ވަޢުދެވެ. ނަމަވެސް މިނިސްޓަރ މިއަދު ވަނީ އީޕީއޭ މިނިވަން މުއައްސަސާއެއް ގޮތަށް ބަދަލުކުރުމާ ދެކޮޅު ހައްދަވާފައެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި ސިންގަޕޫރުން މިސާލު ދެއްކެވުމަށްފަހު މިނިސްޓަރ ވިދާޅުވީ އީޕީއޭ މިނިވަން މުއައްސަސާއަކަށް ބަދަލުކުރުމަކީ ރާއްޖެފަދަ ޖަޒީރާ ގައުމަށް އެކަށީގެންވާ ގޮތެއް ނޫން ކަމަށެވެ.

މިނިސްޓަރުގެ މި ޖަވާބާ ގުޅިގެން ބައެއް މެންބަރުންވަނީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވިއިރު, ދުނިޔޭގެ ގައުމުތަކުގައި އެކަންކުރާ ގޮތް ދެނެވަޑައިނުގަންނަވަނީ ތޯ އައްސަވާ ފާޑުވިދާޅުވެފައެވެ. އަދި މިޖިލީހުގެ ރިޔާސަތުން, ރައީސް ނަޝީދުވެސް ވަނީ ސަރުކާރުން އީޕީއޭ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހެދުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.

އެންވައިރޮންމަންޓް ޕްރޮޓެކްޝަން އެޖެންސީ, އީޕީއޭއަކީ މިނިސްވަން މުއައްސަސާއަކަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި އެއީ މި ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގައި ހިމަނާފައިވާ ކަމެކެވެ.

ހިޔާލު


ގުޅުންހުރި