ރާއްޖެރައްޔިތުންގެ މަޖިލިސް

ކޮތަޅު އަގު ބޮޑުވާނެކަން އެންވައިރޮންމަންޓާއި ފިނޭންސް މިނިސްޓްރީއަށް އެންގިން: މީރާ

27/04/2023

ޒައިން ރަޝީދު


ޝެއަރ

ކުނި މެނޭޖްކުރުމާއިބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ގެނެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީގްކުރެއްވި އިސްލާހުގެ ސަބަބުން ކޮތަޅުގެ އަގު އުފުލިގެންދާނެކަން ފާހަގަކުރެވިގެން އެކަން މިނިސްޓްރީ އޮފް އެންވައިރޮންމަންޓާއި މިިނިސްޓްރީ އޮފް ފިނޭންސްގެ ސަމާލުކަމަށް ގެނައިކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އެޖެންސީ, މީރާއިން ބުނެފިއެވެ.

ކޮތަޅު އަގު ބޮޑުވެ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ރައްޔިތުން ފާޅުކުރަން ފެށުމާ ގުޅިގެން, މަޖިލީހުގެ އެންވައިރޮންމަންޓް ކޮމިޓީއަށް މީރާ ހާޒިރުކޮށް ސުވާލުކުރުމުން މިރާއިން ބުނީ އެ އިސްލާހުގެ މަސައްކަތް މަޖިލީހުން ކުރިއިރު, މީރާގެ ހިޔާލެއްވެސް ހޯދާފައި ނުވާކަމަށާއި އަދި އިސްލާހުގެ ސަބަބުން އަގު އުފުލޭނެކަން ފާހަގަވުމުން އެކަން މިނިސްޓްރީތަކުގެ ސަމާލުކަމަށް ގެނައިކަމަށެވެ. އަދި ސަރުކާރުން އަނެއްކާވެސް އެ ޤާނޫނަށް އިސްލާހު ހުށަހެޅީ މީރާއިން އެކަން ފާހަގަ ކުރުމުން ކަމަށް ވިދާޅުވިއެވެ.

އިސްލާހުގެ ސަބަބުން ކުރިން ހިލޭ ދެމުންއައި ޕްލާސްޓިކް ކޮތަޅެއް މިހާރު ލިބެނީ 8 ރުފިޔާއަށެވެ. އިސްލާހުގައި ކޮންމެ ކޮތަޅަކުން 2 ރުފިޔާ ނަގަން ބުނިކަމުގައި ވިޔަސް, ގަނޑުކޮށް ކޮތަޅު ގަންނަ ފަރާތްތަަށް އިސްތިސްނާ ނުވާތީ އަގުވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިކަމާ ގުޅޭ ގޮތުން އިދިކޮޅުން ވިދާޅުވީ މިއީ ސަރުކާރުން ރާވައިގެން ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަށް ކުރިކަމެއް ކަމަށެވެ.

އިސްލާހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންވައިރޮންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ވިދާޅުވަނީ މީރާ އިން އިސްލާހު މާނަކުރި ގޮތް ނުބައިކަމަށެވެ. އަދި އެކަމުގައި މީރާއިން އިހުމާލުވެފައިވާ ކަމަށެވެ. ނަމަވެސް މީރާގެ އިސްބޭފުޅުން މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ, އިސްލާހު އޮތް ގޮތުން މީރާއަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައިކަމަށެވެ.

ގަނޑުކޮށް ކޮތަޅު ގަންނަ ފަރާތްތަށް އިސްތިސްނާ ނުވާގޮތަށް އިސްލާހު ބަދަލުކުރުމަށްފަހު, އެ އިސްލާހު ފާސްކުރުމުގެ ކުރިން އިސްލާހާ ގުޅޭގޮތުން ހިޔާލު ހޯދުމަށް އެންވައިރޮންމަންޓް މިނިސްޓްރީއަށް ފޮނުވިކަމަށް އެ ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ. އަދި އެއަށް މިނިސްޓްރީން ހިޔާލު ފޮނުއްވާފައި ނުވާކަމަށާއި އިސްލާހު ފާސްކުރެއްވީ އެހެންވެސް ކަމަށް މަޖިލީހުން ބުނެއެވެ.

މީރާ ކުއްވެރިކޮށް މަޖިލީހުގެ ކޮމިޓީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވީ ޕްލާސްޓިކް ކޮތަޅުގެ މައްސަލަ ބޮޑުވެ, އެކަމުގެ ޝަކުވާ ރައްޔތިުން ކުރަންފެށުމުން, އެންވައިރޮންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ ގޮތަށް އަގު ބޮޑުވީ މަޖިލީހުން ފާސްކުރި އިސްލާހުގެ ސަބަބުން ކަމަށް ބުނެ މަޖިލީހަށް އިނގިލި ދިއްކޮށްފައިވަނިކޮށެވެ.

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކުޑަކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެެވެ. އެކަން އެންމެފަހުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އެންވައިރޮންމަންޓް މިނިސްޓާވެސް ވަނީ ފަހަގަކުރާއްވާފައެވެ. ނަމަވެސް މިހާރު ދިމާވެގެން އުޅޭ އަގުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި