ރާއްޖެއިދިކޮޅު

ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރައްވައިފި

30/09/2023

ޒައިން ރަޝީދު


ޝެއަރ

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރައްވައިފިއެވެ.

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒުއާއި އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް އިންތިޚާބު ކާމިޔާބުކުރީ 53.91 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. މިހާތަނަށް 586 ވޯޓު ފޮށީގެ ތެރެއިން 585 ފޮށީގެ ނަތީޖާ އިއުލާންކޮށްފައިވާއިރު, ޑރ. މުޢިއްޒުވަނީ 127,869 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުލީ މީހުންގެ 53.91 އިންސައްތައެވެ.

މުޢިއްޒުއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙަށް ލިބިވަޑައިގަތީ 109,261 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 46.1 އިންސައްތަ ވޯޓެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާއިރު, ރައީސް ސާލިޙް ވަނީ ބަލި ގަބޫލުކުރައްވާ ޑރ. މުޢިއްޒުއަށް މަރުޚަބާ ދަންނަވާފައެވެ. އަދި އެމަނިކުފާނާއެކުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުޢިއްޒު އެދިވަޑައިގަތީ ހަމަނުޖެހުން ހިންގަން އެއްވެސް ފުރުސަތެއް ނުދިނުމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ބަހާއި އަމަލުތައް ދިމާވާނެކަމަށެވެ. އަދި ޑރ. މުއިއްޒު ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކޮށް ދިނުމަށް ރައީސް ސާލިހުގެ ކިބައިން އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިއަދު ބޭއްވި އިރު, މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުވެސް ކާމިޔާބުކުރެއްވީ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޑރ. މުޙައްމަދު މުޢިއްޒު ވެގެންދާނީ ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ހިޔާލު


ގުޅުންހުރި