ރާއްޖެރައްޔިތުންގެ މަޖިލިސް

ބަޖެޓް ހުށަހެޅުން މާދަމާ, އެމްޑީޕީން ބުނީ ފުރުސަތު ނުދޭނެ ކަމަށް

30/10/2023

ޒައިން ރަޝީދު


ޝެއަރ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ބާކީ އޮތް ބަޔަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުން މާދަމާ އަށް އެޖެންޑާ ކޮށްފިއެވެ.

ބަޖެޓް ހުށަހަޅަން އެޖެންޑާ ކުރިއިރު, މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ކުރިއަށް ނުގެންދެވިއެވެ. އިއްޔެއާއި މިއަދު އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް މައްސަލަ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުވާތީ ސަލާމް ވިދާޅުވުމުންނެވެ.

މަޖިލީހުގެ ގަވާއިދަށް ހަވާލާދެއްވާ މަޖިލީހުގެ އަމީން އާންމު ވިދާޅުވަނީ ނައިބު ރައީސް ނެތި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް އެކަމާ އެމްޑީޕީން އެއް ބަހެއް ނުވެއެވެ. އެމްޑީޕީން ބުނަނީ މަޖިލީހުން ގަވާއިދު މާނަ ކުރައްވާ ގޮތް ގޯސްކަށެވެ. އެހެން ކަމުން އެމްޑީޕީން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާފައެވެ. ބެލެވޭ ގޮތުގައި މި ހަފްތާގެ ތެރޭގައި ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނިންމަވާނެއެވެ.

މަޖިލީހުން މިއަދު ވިދާޅުވީ މާދަމާއަށް ބަޖެޓް އެޖެންޑާ ކުރީ, މާދަމާގެ ޖަލްސާއަށްވެސް އީވާ ސަލާމް ވިދާޅުވެފައިވާތީ, އިތުބާރު ނެތްކަމުގެ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެތީއެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ވަނީ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.

މާދަމާ ބަޖެޓް ހުށަހަޅަން އެޖެންޑާ ކުރިއަސް, އެމްޑީޕީން ބުނީ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިންމާ ބަޖެޓް ހުށަހަޅަން ފުރުސަތު ނުދޭނެކަމަށެވެ.

މާލިއްޔަތު ޤާނޫނާއި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 1 ނޮވެމްބަރުގެ ކުރިން ފިނޭންސް މިނިސްޓަރ މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހޭނެއެވެ. އެހެން ކަމުން މާދަމާގެ ޖަލްސާގައި ބަޖެޓް ހުށަނޭޅިއްޖެނަމަ, ގާނޫނުގައި ބުނާ މުއްދަތުގައި މިއަހަރު ބަޖެޓް ހުށައެއް ނޭޅޭނެއެވެ.

ހިޔާލު


ގުޅުންހުރި