ރާއްޖެރައްޔިތުންގެ މަޖިލިސް

އީވާ ސަލާމް ވިދާޅުވުމުން މިއަދުގެ ޖަލްސާވެސް ކެންސަލް

01/11/2023

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެދި ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މިއަަދަށް އެޖެންޑާ ކުރި މިއަދުގެ ޖަލްސާވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުالله ސަލާމް ވިދާޅުވުމުން ކެންސަލް ކޮށްފިއެވެ.

މިއީ މި މައްސަލަ އެޖެންޑާ ކުރި 3 ވަނަ ފަހަރެވެ. މީގެ ކުރިންވެސް އީވާ ޖަލްސާއަށް ސަލާމް ވިދާޅުވުމުން އެ ދެ ޖަލްސާވެސް ވަނީ ކެންސަލް ކޮށްފައެވެ. އީވާ އުޅުއްވަނީ ޑެންގީ ހުމުގެ އާލާސްކަންފުޅެއްގައި ކަމަށް އޭނާ މަޖިލީހަށް ފޮނުވާ, މަޖިލީހުގެ އިދާރާއިން އިއްވާފައިވާ ސިޓީގައި ބުނެފައިވެއެެވެ.

"އީވާ ވަނީ މިއަދުވެސް ސަލާމް ވިދާޅުވެފަ. އެހެންކަމުން މިއަދުގެ ޖަލްސާވެސް އާމީންއާންމު ވަނީ ކެންސަލް ކުރައްވާފަ" މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާޢު ވިދާޅުވިއެވެ.

މަޖިލީހުގެ އަމީންއާންމު ވިދާޅުވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އިވާ އިންނަވައިގެންނެވެ. އަދި ރިޔާސަތު އެހެން ބޭފުޅަކާ ހަވާލުކުރުމުގެ ބާރަކީވެސް މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ނިންމަވާ ނިންމެވުމެއް ކަމަށެވެ.

ނަމަވެސް އެމްޑީޕީން ވިދާޅުވަނީ ނައިބު ރައީސް އުޒުރުވެރިވާ ހާލަތެއްގައިވެސް މަޖިލީސް ކުރިއަށް ދާންޖެހޭ ކަމަށެވެ. އަދި އެކަމަށް ފަހިކުރުމުގެ ގޮތުން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށްވެސް އެމްޑީޕީން މަސައްކަތް ކުރިއެވެ. ނަމަވެސް އެފުރުސަތުވެސް ރިޔާސަތުން ނުދެއްވި ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މީގެ އިތުރުން އިތުރުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ އެހެން ކަމެއް ނުކުރެވޭނެކަމަށް އެމްޑީޕީން ދެކެއެވެ.

ގަވާއިދު މާނަ ކުރުމުގައި ދިމާވި ހިޔާލުތަފާތުވުމާއެކު, އެމްޑީޕީން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާފައެވެ. އަދި މައްސަލަ ބަލައިގަނެ, މައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓުން ވަނީ މަޖިލީހާ ހަވާލުވެސް ކޮށްފައެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެދި އެމްޑީޕީން ގަރާރެއް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގައެވެ.

ހިޔާލު


ގުޅުންހުރި