ރާއްޖެޖުޑީޝިއަރީ

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް ހޯމަ ދުވަހު

01/11/2023

ޒައިން ރަޝީދު


ޝެއަރ

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް, މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފި އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މި މައްސަލަ އެކޯޓަށް ބަލައިގަތީ މިދިޔަ ހޯމަ ދުވަހުގައެވެ. އަދި މައްސަލައާ ގުޅޭ ލިޔުންތައް އިއްޔެ ސުޕްރީމް ކޯޓުން ވަނީ މަޖިލީހާ ހަވާލުކޮށްފައެވެ.

ލިޔުންތައް ހަވާލުކުރި ނަމަވެސް މި މައްސަލާގައި މަޖިލީހުގެ ފަރާތުން ވަކާލާތު ކުރައްވާނީ ބަންޑާރަނައިބު އިބްރާހީމް ރިއްފަތްކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ރިއްފަތް ވަނީ މަޖިލީހުގެ ނިންމުމާ ދެކޮޅުކަން ހާމަކުރައްވާފައެވެ. އަދި ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހަޅަން އެޖެންޑާ ކުރި ޖަލްސާއަށް ވަޑައިނުގަތުމަށް ފިނޭންސް މިނިސްޓަރަށް ބަންޑާރަނައިބު ވަނީ ލަފާވެސް ދެއްވާފައެވެ. އެހެންކަމުން މި މައްސަލާގެ ދިފާއުގައި ވާހަކަ ދައްކާނީ ކޮން ފަރާތަކުންކަން ސާފެއް ނުވެއެވެ. މި މައްސަލައަށް ދަ ޑިމޮކްރޭޓްސްއިން ވެސް ތަދައްޚުލްވާނެކަން ހާމަކޮށްފައިވެއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު އެދުނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މަޖިލިހުގެ ނާއިބު ރައީސަށް ނާދެވިއްޖެ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ޖަލްސާ ކުރިޔަށް ގެންދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިހުގެ އެހެން މަސައްކަތަކަށް ނުދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.

ހިޔާލު


ގުޅުންހުރި