ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް

02/11/2023

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެދި ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މިއަަދަށް އެޖެންޑާ ކުރި މިއަދުގެ ޖަލްސާވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުالله ސަލާމް ވިދާޅުވުމުން ކެންސަލް ކޮށްފިއެވެ.

މިއީ މި މައްސަލަ އެޖެންޑާ ކުރި 4 ވަނަ ފަހަރެވެ. މީގެ ކުރިންވެސް އީވާ ޖަލްސާއަށް ސަލާމް ވިދާޅުވުމުން އެ 3 ޖަލްސާވެސް ވަނީ ކެންސަލް ކޮށްފައެވެ. އީވާ އުޅުއްވަނީ ޑެންގީ ހުމުގެ އާލާސްކަންފުޅެއްގައި ކަމަށް އޭނާ މަޖިލީހަށް ފޮނުވާ, މަޖިލީހުގެ އިދާރާއިން އިއްވާފައިވާ ސިޓީގައި ބުނެފައިވެއެެވެ.

މިއަދު ޖަލްސާއެއް ބާއްވަން ނިންމާ, ޖަލްސާއަށް އެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރީ އެމްޑީޕީން އެކަމަށް އެދުމުންނެވެ. ނަމަވެސް ނަމަވެސް މިއަދު ޖަލްސާވެސް ނުބޭއްވުނެވެ.

މަޖިލީހުގެ އަމީންއާންމު ވިދާޅު ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އިންނަވައިގެންނެވެ. އަދި ރިޔާސަތު އެހެން ބޭފުޅަކާ ހަވާލުކުރުމުގެ ބާރަކީވެސް މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ނިންމަވާ ނިންމެވުމެއް ކަމަށެވެ.

ނަމަވެސް އެމްޑީޕީން ބުނަނީ ނައިބު ރައީސް އުޒުރުވެރިވާ ހާލަތެއްގައިވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާންޖެހޭ ކަމަށެވެ. އަދި އެކަމަށް ފަހިކުރުމުގެ ގޮތުން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށްވެސް އެމްޑީޕީން މަސައްކަތް ކުރިއެވެ. ނަމަވެސް އެފުރުސަތުވެސް ރިޔާސަތުން ނުދެއްވި ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މީގެ އިތުރުން އިތުރުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ އެހެން އެއްވެސް މަސައްކަތަކަށް އެމްޑީޕީން އެއްބާރުލުން ނުދޭނެކަމަށް ބުނެފައިވެއެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަ ކުރުމުގައި ދިމާވި ހިޔާލު ތަފާތުވުމާއެކު, އެމްޑީޕީން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާފައެވެ. އަދި މައްސަލަ ބަލައިގަނެ, މައްސަލައިގެ އަޑު އެހުންތައް އަންނަ ހޯމަ ދުވަހަށް ސުޕްރީމް ކޯޓުން ވަނީ ތާވަލްކޮށްފައެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެދި އެމްޑީޕީން ގަރާރެއް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގައެވެ.

ހިޔާލު


ގުޅުންހުރި