ރާއްޖެރައްޔިތުންގެ މަޖިލިސް
ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވޭ, އިދާރާއިން ބުނަނީ ކޯޓުގައި މައްސަލަ އޮތަސް ޖަލްސާ ބޭއްވޭނެކަމަށް
05/11/2023
ޒައިން ރަޝީދު
ޝެއަރ
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާކުރާ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ނައިބު ރައީސް އީވާ ޢާބްދުالله އުޒުރުވެރިވެއްޖެއެވެ.
މިއަދު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އީވާ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އޮތުމާއެކު, ރިޔާސަތު ބަލެހެއްޓުމަށް އުޒުރިވެރިވާކަމަށެވެ. އެ މައްސަލަ އެޖެންޑާކޮށް މިއަދު ބައްވަން ތާވަލުކުރި ޖަލްސާވެސް ވަނީ ކެންސަލްކޮށްފައެވެ.
"ޤާނޫނުއަސާސީގެ މަފްހޫމަށް ބަލާއި, ތިން ބާރު ވެކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގެ, ޤާނޫނު ހެދުމުގެ ބާރާއި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ތެރޭގައި, އެއްބާރާއި އަނެއްބާރާ ދެމެދުގައި އޮންނަންޖެހޭ އިޙްތިރާމް ކުޑުނުވާނެގޮތަށް ނުވަތަ އަރައިރުން ނުވާނެގޮތަށް ޢަމަލުކޮށް, ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ ތަޞައްވުރަށް ހިޔަނިނޭޅުމުގެ ގޮތުން, ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤާރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދެންނެވީމެވެ" އިވާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އީވާ މިއަދު އުޒުރުވެރިވެވަޑައިގެން ސިޓީ ފޮނުއްވިއިރު, މީގެ ކުރިން އެކަން އަންގަވާފައެއްނުއެވެ. ނަމަވެސް މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމާއެކު, 31 އޮކްޓޯބަރުގައި 2023ގައި ޖަލްސާތައް ބޭއްވޭނެކަމަށް ދެކެވަޑައިނުގަންނަވާކަން އިވާ ވަނީ ސިޓީއަކުން މަޖިލީހުގެ އިދާރާއަށް އަންގާފައެވެ. އެ ސިޓީގެ ޖަވާބުގައި މަޖިލީހުގެ އިދާރާއިން ހަމަ އެދުވަހު ވިދާޅުވީ ސުޕްރީމް ކޯޓުގައި މަސައްލަ އޮތަސް ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތް ކަމަށާއި އެއީ ދެ ކަމެއް ކަމަށެވެ.
އެކަން އެގޮތަށް އެންގުމުން އީވާ ވަނީ 1 ނޮވެމްބަރުން ފެށިގެން މިއަދާ ހަމައަށް ސަލާމް ވިދާޅުވެފައެވެ. އަދި މިއަދުވެސް ސަލާމް ވިދާޅުވި ނަމަވެސް ސާލާމް ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާތީ ނޫންކަމަށް މަޖިލީހުން ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުގައި ދަޢުވާކުރުމަށް ހުށަހަޅާފައިވާ މައްސަލައާއި, މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރުގެ މަސައްކަތް މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަކީ ތަފާތު ދެކަމެއްކަމުގައި މަޖިލީހުގެ އިދާރާއިން ދެކެނީ. އަދި މިއަދު އީވާ އުޒުރުވެރިވެވަޑައިގަންނަވާކަން އަންގަވާފަ. ނަމަވެސް ސަލާމް ވިދާޅުވީ އާލާސްކަންފުޅާއުޅުއްވާތީ އެއް ނޫން" މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާއު ވިދާޅުވިއެވެ.
ނަމަވެސް އޭނާ އިތުރަށް ވިދާޅުވީ މިއަދުން ފެށިގެން އީވާ އުޒުރުވެރިވާކަން އަންގަވާފައިވާތީ, ނައިބު ރައީސް ނެތި މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ދެން އެޖެންޑާ ނުކުރެވޭނެކަމަށެވެ.
މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤާރާރުގެ މަސައްކަތް ކުރިއަށް ނުދާތީ އެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ 29 އޮކްޓޯބަރުގައެވެ. އަދި މައްސަލައިގެ ފުރަތަމަ އަޑު އެހުން މާދަމާ ހެނދުނު 10:00 ގައި އޮންނާނެއެވެ.
ހިޔާލު
ގުޅުންހުރި