މަޖިލިސް 2024

ރައީސް މައުމޫން އެދިވަޑައިގަތީ ދަރިކަނބަލުން ދުންޔާއަށް ކާމިޔާބީއަށް

12/12/2023

ޒައިން ރަޝީދު


ޝެއަރ

ޕީޕީއެމް/ޕީއެންސީ މަޖިލީސް ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫންނަށް ތައުރީފްކުރައްވާ ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ރައީސް މައުމޫން ހާމަކުރައްވައިފިއެވެ.

ދުންޔާ ހުޅުމާލޭ ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާކަން ހާމަކުރެއްވުމާއެކު ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫން ވަނީ ދުންޔާއަށް ތައުރީފްކުރައްވާފައެވެ. އެގޮތުން ކިޔަވާވިދާޅުވުމާއި މަސައްކަތުގެ ދާއިރާއިން ކާމިޔާބު ހޯއްދަވާކަން ފާހަގަކުރައްވާ ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އަންހެން ޚާރިޖީ ވަޒީރުގެ ގޮތުގައި ދުންޔާ މަސައްކަތް ކުރެއްވިއިރު, ރާއްޖޭގެ މިނިވަންކަން ދިފާޢުކުރެއްވުމަށް މަސައްކަތް ކުރެއްވިކަމެވެ.

ދުންޔާ ފޮރިން މިނިސްޓަރުކަން އަދާކުރެއްވީ, ބޮޑުބޭބޭފުޅު ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި 2013 އިން 2016 އަށެވެ. އެ ދުވަސްވަރަކީ ޚާރިޖީ ގޮތުން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެކެވެ. އެގޮތުން ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި ޤަތަރާ ގުޅުން ކަނޑާލީވެސް އެ ދުވަސްވަރުގައެވެ.

ދުންޔާ ފުރަތަމަ މަސައްކަތް ކުރެއްވީ ބައްޕާފުޅާއެކު ޑީއާރުޕީގައެވެ. އަދި ފަހުން ބައްޕާފުޅު އިސްކޮށް ހުންނަވާ އުފެއްދެވި ޕީޕީއެމާ ގުޅިވަޑައިގަތެވެ. 2016 ވަނަ އަހަރު ރައީސް ޔާމީންއާ ޚިޔާލުތަފާތުވެ, ވަޒީރުކަމުން އިސްތިއުފާ ދެއްވިއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ވަޑައިގެން އެތަނުގައި މަސައްކަތް ކުރެއްވިއެވެ.

އޭރު ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ރައީސް މައުމޫން ހައްޔަރުކޮށް ގިނަ ދުވަހު ޖަލުގައި ބެހެއްޓެވިއެވެ. އެކަމާ ދުންޔާ އެއްޗެކޭ ވިދާޅުނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭރު ދުންޔާއަށް އަމާޒުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދުންޔާ މަސައްކަތް ކުރެއްވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާއެކުގައެވެ. ފުރަތަމަ ބުރުގެ ނާކާމިޔާބީއަށްފަހު ދެވަނަ ބުރުގައި ޑރ. މުޙައްމަދު މުޢިއްޒުއަށް ތާޢީދުކުރެއްވިއެވެ. އަދި އިންތިޚާބަށްފަހު ދުންޔާ މިހާރުވަނީ އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގައެވެ.

ހިޔާލު


ގުޅުންހުރި