މަޖިލިސް 2024

ޕްރައިމަރީއަކާ ނުލާ ބާރަށު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޓިކެޓް ޝުޖާއަށް

14/12/2023

ޒައިން ރަޝީދު


ޝެއަރ

ޕްރައިމަރީއަކާ ނުލާ ބާރަށުގެ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޓިކެޓް އިބްރާހީމް ސުޖާޢު ކަށަވަރުކޮށްފިއެވެ.

ސުޖާއަށް ޓިކެޓް ޔަގީންވީ ބާރަށު ދާއިރާއަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ. ބާރަށު ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ފޯމު ހުށަހެޅުއްވީ އެދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ސުޖާއެވެ. ސުޖާއަކީ މާލޭ ސިޓީ ކައުންސިލްގައި ހުޅުމާލޭ ދާއިރާގެ ކައުންސިލަރެވެ.

ބާރަށު ދާއިރާއަށް މިފަހަރުވެސް ސުޖާ ކުރިމަތިލެއްވީ, އެ ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ. ސުޖާއަކީ 18 ވަނަ މަޖިލީހުގައިވެސް ބާރަށު ދާއިރާ ތަމްސީލްކޮށްފައިވާ ތަޖުރިބާކާރު މެންބަރެކެވެ. އަދި ސުޖާއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ވަރަށް އަރިސް ބޭފުޅެކެވެ. އަދި އޭނާއަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅެކެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރުމަށް 350 ވުރެގިނަ ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅާފައެވެ. ބައެއް ދާއިރާތަކަށް އެންމެ ބޭފުޅަކު ކުރިމަތިލާފައިވާތީއާއި ބައެއް ދާއިރާތަކަށް ކުރިމަތިލި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދަމުންދާތީ ބައެއް ދާއިރާތަކުގެ ޓިކެޓްވަނީ ޕްރައިމަރީއަކާ ނުލާ ކަށަވަރުވެފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލީސް ޕްރައިމަރީ އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގައެވެ.

ހިޔާލު


ގުޅުންހުރި