މަޖިލިސް 2024

ޕީޕީއެމް/ޕީއެންސީ މަޖިލީސް ޕްރައިމަރީ ޖެނުއަރީއަށް ފަސްކޮށްފި

15/12/2023

ޒައިން ރަޝީދު


ޝެއަރ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

އެންމެފަހުން ޕްރައިމަރީ ބާއްވަން ނިންމާފައިއޮތީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. ނަމަވެސް މިއަދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 20 ވާ ހޮނިހިރު ދުވަހުގައެވެ.

ޕްރައިމަރީ ފަސްކުރީ ޕްރައިމަރީ ބާއްވަން ނިންމި ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަށްވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، ޢުމްރާއަށް ގައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ އާންމު މެންބަރުންގެ އެދުމުގެ މަތިންކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ޕީޕީއެމް/ޕީއެންސީ މަޖިލީސް ޕްރައިމަރީގައީ ވާދަކުރުމަށް 350 ވުރެ ގިނަ ފަރާތުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި ހުށަހެޅި ފޯމުތައް އިވެލުއޭޓްކޮށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުތުހަމަވޭތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބައެއް ދާއިރާތަކަށް އެކަކު ކުރިމަތިލުމާއި އަދި ދާއިރާތަކަށް ކުރިމަތިލި ބައެއް މީހުން ނަން އަނބުރާ ގެންދިއުމުން ބައެއް ދާއިރާތަކުގެ ޓިކެޓްވަނީ ޕްރައިމަރީއަކާ ނުލާ ކަށަވަރުވެފައެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުން ޝަރުތު ހަމަވާކަން ބެލުމަށްފަހު، ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި އާންމު ކުރާނެކަމަށް ޕީޕީއެމް/ޕީއެންސީން ބުނެއެވެ. އަދި، ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތުވެސް އިއުލާން ކުރާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ހާމަކުރެއެވެ.

ހިޔާލު


ގުޅުންހުރި