ރާއްޖެސަރުކާރު

ރަސްމާލެ މަޝްރޫއަށް ދައުލަތުން އެއްވެސް ޚަރަދެއް ނުކުރޭ، މިއީ މުޅިން އެހެން ފެންވަރެއް: ރައީސުލްޖުމްހޫރިއްޔާ

20/12/2023

ޒައިން ރަޝީދު


ޝެއަރ

ރަސްމާލެ މަޝްރޫއު ކުރިޔަށް ގެންދަނީ ދިވެހި ދައުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަރުބާރުގޭގައި މިރޭ ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް އަދި ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުމުގެ ސިޔާސަތުކަމަށެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ އެންމެ ގިނަ ބަޔަކު ޙިއްޞާކުރެއްވި ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ކަންބޮޑުވުންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢެއް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާތެރޭގައި ފަށްޓަވަން ނިންމެވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ކަމުގައެވެ. އަދި އެމަޝްރޫއު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. ހަމަ މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ އެކި މަޝްރޫޢުތަކުން މުޅި ރާއްޖެއަށް ގެދޮރުވެރިކަމުގެ މައްސަލަ ދާއިމަށް ހައްލުގެނެސް ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެންކަމަށެވެ. އެގޮތުން އެމަނިކުފާނުވެސް ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހައި ރަށަކަށް، ދައުލަތުގެ ވަޒީރުބޭފުޅުންނާއި ކުންފުނިތަކުގެ މަސްއޫލުވެރީން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކަށް ސުވާލުކުރެވޭ ގޮތަށް، އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާލޭގެ ތަރައްޤީއަށް ކުރިއަށްހުރި މުހިންމު ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުވާލެއްވިއެވެ.

މިރޭ ބޭއްވި މި ހަފުލާގައި ދެއްވި ކަންގަތި އެވޯޑަކީ އެލްޖީއޭއިން ލޯކަލް ކައުންސިލުތައް މިންކުރުމަށް އެކުލަވާލާފައިވާ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްގެ ދަރަޖަތައް ބަލައި ވަނަވަނައަށް އަންނަ ކައުންސިލުތަކަށް އެ އޮތޯރިޓީން ދެމުން އަންނަ އެވޯޑެކެވެ.

ހިޔާލު


މުއިޒް16:08 2023/12/22

ރައީސް މުއިޒަކީ ނަމޫނާ ބައްޕައެ

ގުޅުންހުރި