ރާއްޖެސަރުކާރު

ކުޑަކުދިން ކުށްކުރުން ހުއްޓުވުމާ ގުޅޭ ގޮތުން އައްޑޫގައި ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

16/01/2024

ޒައިން ރަޝީދު


ޝެއަރ

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި އައްޑޫ ސިޓީ ފުލުހުން ގުޅިގެން, ކުޑަކުދިން ކުށްކުރުން ހުއްޓުވުމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް އައްޑޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިިފިއެވެ.

8 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކުޑަކުދިން ކުށްކުރުމުން ދުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ދަރިވަރުންނާއި އައްޑޫ ސިޓީގެ މުއައްސަސާތަކުގެ ބޭފުޅުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންސްތަކެއް ކުރިއަށް ގެންދިޔައެވެ.

މި މަހުގެ 8 ން 16 އަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ މި ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކެއްގެ ސްކޫލްތަކަށާއި، ބެލެނިވެރިންނާއި ދަރިވަރުން، އަދި މުއައްސަސާތަކަށް އަމާޒުކޮށްގެން ހޭލުންެތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ކުޑަކުދިންގެ ޒިންމާތައް ކިޔައިދީ އެކުުދިން ޒިންމާއަދާކުރުމަށް މަސައްކަތް ކުރަންޖެހޭކަން ކިޔައިދިނެއެވެ. އަދި ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް ހޭލުންެތެރިކުރުމާއި، ބެލެނިވެރިކަމުގެ ހުނަރުތަކާއި، ދަރިވަރުންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކަށް ހައްލު ހޯދާނޭ ގޮތްތައް ކިޔައިދިނެއެވެ.

ބެލެނިވެރިންނާއި މުއައްސަސާތަކުގެ ބޭފުޅުންނަށް ހިންގި ސެޝަންތަކުގައި ކުޑަކުދިން ކުށްކުރުމުން ދުރުކުރުމަށް, މުއައްސަސާތަކާއި ބެލެނިވެރިންގެ ގޮތުގައި ކުރެވިދާނެ ކަންކަން ކިޔައިދީ އެކަން ކުރާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރިއެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ސެޝަންތަކުގައި މަޢުލޫމާތު ދެއްވަނީ ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފެސިލިޓޭޓަރުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒްގެ ފެސިލިޓޭޓަރުންނެވެ.

މިއީ ކުށްމަދު ކުރުމަށް މުޖުތަމައު އެކުގައި މަސައްކަތްކޮށް, އެކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ.

ހިޔާލު


ގުޅުންހުރި