ވިޔަފާރި

ހޮންގް ކޮންގް އެއާލައިނުން ހޮންގް ކޮންގާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް މިރޭ ފަށައިފި

19/01/2024

ޒައިން ރަޝީދު


ޝެއަރ

ހޮންގް ކޮންގް އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން މިރޭ ފަށައިފިއެވެ.

ހޮންގް ކޮންގްއިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރާ މި ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާ ގުޅިގެން އެ އެއަރލައިނުން ރާއްޖެއަށް އައި ފަތުރުވެރިންނަށް ވަނީ ހޫނު މަރުޙަބާ އެއް ކިޔާފައެވެ.

މިރޭ އައި ފްލައިޓުން ރާއްޖެއަށް ޖުމްލަ 209 ފަތުރުވެރިން ވަނީ އައިސްފައެވެ. ހޮންގް ކޮންގް އެއަރލައިންގެ ދަތުރުތައް ހަފްތާއަކު 3 ދުވަހު ރާއްޖެއަށް ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެއަރބަސް އޭ330 މަރުކާގެ ބޯޓުތަކެކެވެ.

ހޮންގް ކޮންގް އެއާލައިންއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ފެށީ 2011 ގައެވެ. އޭރު ރާއްޖެއަށް ކޮށްފައިވަނީ ޗާޓަރ ދަތުރުތަކެކެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ ތެރޭގައި އެ އެއަރލައިނުން ވަނީ ޝެޑިއުލް ދަތުރުތަކެއް ރާއްޖެއަށް ކޮށްފައެވެ. ނަމަވެސް އެ ދަތުރުތައް 2019 ވަނަ އަހަރު ހުއްޓާލީ ކޯވިޑް19ގެ ސަބަބުންނެވެ.

ހޮންގް ކޮންގް އެއަރލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމާއެކު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. ހޮންގް ކޮންގް އެއަރލައިނާއެކު ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު ވަނީ 4 އަކަށް އަރާފައެވެ.

ހިޔާލު


ގުޅުންހުރި