ރާއްޖެރައްޔިތުންގެ މަޖިލިސް
ވަޒީރުންނަށް ރުހުންދޭން ބާއްވަން އުޅުނު ޖަލްސާ ނުބޭއްވުނު
28/01/2024
ޒައިން ރަޝީދު
ޝެއަރ
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުންދޭން މިއަދު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާގެ ދެވަނަ ދަންފަޅި ކުރިއަށް ނުގެންދެވުނެވެ.
ރުހުން ދިނުމުގެ މައްސަލައިގެ ވޯޓު ނަގަން ނިންމާފައިވަނިކޮށް, ޕީޕީއެމް/ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ރިޔާސަތަށް އަރާ, ތަޅުމުގައި އިހުތިޖާޖުކޮށް ޖަލްސާ ހުއްޓުވާފައެވެ. އެ މެންބަރުން ޖަލްސާ ހުއްޓުވީ އެމްޑީޕީއާއި ދަ ޑިމޮކްރޭޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެންނެވެެ.
މިއަދުގެ ހެނދުނުގެ ދަންފަޅީގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް, އެ މައްސަލައަށް ވަނީ ބަހުސްވެސް ކޮށްފައެވެ. ނަމަވެސް ދަ ޑިމޮކްރޭޓްސްއާއި އެމްޑީޕީން ވަނީ އެ ދެ ޕާޓީންވެސް ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަން ހާމަކޮށްފައެވެ. އަދި މިއަދު ބޭއްވި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުންވެސް ނިންމީ ބައެއް ވަޒީރުންނަށް ރުހުން ނުދޭށެވެ.
މިއާއެކު ޕީޕީއެމް/ ޕިއެންސީ މެންބަރުން ވަނީ 1:30 ގައި ނަގަން މަސައްކަތްކުރި ވޯޓު ނެގިޔަ ނުދީ ޖަލްސާ ހުއްޓުވާފައެެވެ. އަދި ޖަލްސާ ހުއްޓުވަން މަސައްކަތް ކުރި މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ހަމަނުޖެހުން ހިނގާ ކަނޑިތީމު ދާއިރާގެ މެންބަރު ހުސައިން ޝަހީމަށްވަނީ ވަރަށް ބޮޑަށް އަނިޔާވެސް ވެފައެވެ.
ޝަހީމަށް އަނިޔާވީ އޭނާ ރިޔާސަތަށް އަރަން މަސައްކަތް ކުރުމުން އެމްޑީޕީ މެންބަރުން އެކަމަށް ހުރަސް އެޅުމުގެ ތެރޭގައި މެންބަރުންތަކެއް ބިންމައްޗަށް ވެއްޓުމުންނެވެ. އެ ވަގުތުގައި ރިޔާސަތުގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އިންނެވިއެވެ. އަދި އެމްޑީޕީ މެންބަރުން ދިޔައީ ޕީޕީއެމް މެންބަރުންނަށް ރިޔާސަތަށް އެރިޔަ ނުދީ ހިފަހައްޓަމުންނެވެ.
ހަމަނުޖެހުމާއެކު ޖަލްސާ ވަނީ މެނދުކަނޑާލާފައެވެ. ނަމަވެސް މިއަދުގެ ޖަލްސާ އަދިވެސް ކެންސަލް ކޮށްފައެއްނުވެއެވެ.
ހިޔާލު
ގުޅުންހުރި