ރާއްޖެސަރުކާރު

މިނިވަންކަން ފުރިހަމައަށް ދިފާއުކުރެވޭނީ ސިޔާދަތީ ބާރަށް އެހެން ގައުމުތަކުން އިހްތިރާމްކޮށްގެން: ރައީސުލްޖުމްހޫރިއްޔާ

22/09/2024

ޒައިން ރަޝީދު


ޝެއަރ

މިނިވަންކަން ފުރިހަމައަށް ދިފާއުކުރެވޭނީ ސިޔާދަތީ ބާރަށް އެހެން ގައުމުތަކުން އިހްތިރާމްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނުތާ 59 އަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މަގުތައް ކޮށޭނީ، ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އިޙުތިރާމު ލިބިފައިވާ ޤައުމަކަށްވެގެންކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އިޙުތިރާމު ކުރާ، އަދި އިޙުތިރާމު ލިބޭ، ޤައުމަކަށް ރާއްޖެ ހެދުމުގެ މުހިންމުކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށްކަމުގައި ވިދާޅުވެފައެވެ. "އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަން ދޭނެކަމަކީ ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަޞައްވަރު ހާމަކުރުން. ދިވެހިންގެ އަޑު، ދިވެހިންގެ ވިންދުގެ އަޑު، ދިވެހިންގެ އިޙުސާސްތައް އިއްވުމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ އދ. ގައި ރާއްޖެ އަދާކޮށްފައިވާ މުހިންމު ދައުރަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު މުހިންމު މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއެކު އަދާކުރަމުން ޤައުމު ކުރިއަށްގެންދަން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި އަދި ހިންގެވުމުގައި އަބަދުވެސް އެންމެ އިސްކަން ދެއްވާނީ ދިވެހިރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްކަމުގައި، އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުންނެވެ. މި މެސެޖުގައިވެސް އެ ޔަޤީންކަން އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ހިޔާލު


ގުޅުންހުރި