ރާއްޖެއިދިކޮޅު

ރާއްޖެއިން ދައުވާކުރަމުން ދަނިކޮށް މޮރިޝަސްއަށް ފޯޅަވަހި ދީގެން ނުވާނެ: ރައީސް ނަޝީދު

04/10/2024

މުޙައްމަދު ޛިހާން ޒުބައިރު


ޝެއަރ

ފޯޅަވަހީގެ ސަރަހަދައްދާ ގުޅޭ ގޮތުން ރާއްޖެއިން ދައުވާ ކުރަމުންދަނިކޮށް ފޯޅަވަހި ނުވަތަ ޕެރޮސް ބަންހޮސް އަތޮޅު މޮރިޝަސްއާ ހަވާލުކޮށްގެން ނުވާނެކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން އެއްބަސްވެ އެކަމުގެ މަޝްވަރާތައް ކުރަމުންދަނިކޮށް, ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީން ފޯޅަވަހީގެ ގޮތުގައި ދަންނަ ޕެރޮސް ބަންހޮސް އަތޮޅު މޮރިޝަސްއަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އިނގިރޭސީން އެތަން މޮރިޝަސްއާ ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތަށް ނަޝީދު ފާޑުވިދާޅުވިއެވެ.

ރައީސް ނަޝީދު ކުރެއްވި ޕޯސްޓުން ދޭހަވާ ގޮތުގައި މޮރިޝަސްއަށް ޗާގޯސް ދިނުމަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި އަނެއްކާވެސް ސަރަހައްދީ އިމުގެ މައްސަލަތައް ދިމާވެދާނެ ކަމެއްކަމަށެވެ.

ރައީސް ނަޝީދު މިމޭރުމުން ޓުވީޓް ކުރެއްވިއިރު, އިނގިރޭސިވިލަތާއި މޮރިޝަސް ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފޯޅަވަހި މޮޮރިޝަސްއަށް ދެވޭނީ، އެރަށްތަކުގައި ދިރިއުޅުނު ރައްޔިތުންނަށް އަނބުރާ އެރަށްތަކަށް ދެވޭނެގޮތަށެވެ. ނަމަވެސް އެމެރިކާއަށް ކުއްޔަށް ދީފައިވާ ޑިއެގޯ ގާސިއާގައި ހިންގާ އަސްކަރީ މަރުކަޒު ހިންގާނެކަމަށް އެއްބަސްވެފައިވެއެވެ.

މިކަން ކުރުމަށް މީގެ ކުރިން އެކި ފަހަރުމަތިން އ.ދ އިން ވަނީ ގޮވާލާފައެވެ. އަދި ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނެ އެ ގައުމުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލަވެސް ނިންމާފައިވަނީ މޮރިޝަސްއާ އެއްކޮޅަށެވެ. އަދި މޮރިޝަސްއާއި ރާއްޖެއިން އިންޓަނޭޝަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ އަށް, ފޯޅަވަހިއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަވެސް މިިދިޔަ އަހަރު ވަނީ ނިންމާ, ކަނޑުގެ ސަރަހައްދު ހަމަޔަށް ބައިކުރަން ނިންމާފައެވެ.

ރާއްޖެއާއި މޮރިޝަސްގެ އެ މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާ, ރައްޖެއިން ޒަމާނުއްސުރެން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް, ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާކަމަށް ވިދާޅުވެފައެވެ. އަދި އެއާއެކު ޓްރައިބިއުނަލްއިން ނިންމީ ކަނޑުގެ ސަރަހައްދު ބައިކުރުމަށެވެ. އެގޮތަށް ބައިކުރުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ބުނެ އޭރު ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިން އަޑު އުފުލިއެވެ. އޭގެ ތެރޭގައި ރައީސް މުޙައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައިި އަލުން ހޯދުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މައްސަލަ އިސްތިއުނާފު ކުރުމަށް ސަރުކަރުން ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ. ނަމަވެސް ކޮމިޓީން މިހާތަނަށް ކުރި މަސައްކަތުގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު


ގުޅުންހުރި