ކުޅިވަރުރާއްޖޭގެ ކުޅިވަރު

ގައުމީ 20 އަހަރުން ދަށުގެ ވޮލީ ޓީމްގައި ކުނބުރުދޫގެ 4 ކުޅުންތެރިން

04/10/2024

މުޙައްމަދު ޛިހާން ޒުބައިރު


ޝެއަރ

ކާވާ ވޮލީބޯލް ޗެމްޕިއަންޝިޕް ފިރިހެން ޑިވިޜަނުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓިމުގައި ކުނބުރުދޫއަށް އުފަން 4 ކުޅުންތެރިން ހިމަނައިފިއެވެ.

މި މަހު 6-12 އަށް ލަންކާގައި އޮންނަ ކާވާ ވޮލީބޯލް ޗެމްޕިއަންޝިޕް ފިރިހެން ޑިވިޜަނުގެ މުބާރާތުގައި ވާދަކުރާ ކުނބުރުދޫއަށް އުފަން ކުޅުންތެރިންނަކީ އަޙްމަދު އިލްހާމް އަލީ، މުޙައްމަދު ރިފްޢަތު، އަލީ އަދުހަމްގެ އިތުރުން މުޙައްމަދު އިކްރާމް އިސްމާއިލް ރަޝީދުއެވެ. ޓީމްގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އަޙްމަދު އިލްހާމް އަލީއެވެ.

މިއީ އދ. ކުނބުރުދޫއަށް އުފަން ކުޅުންތެރިންތަކެއް ގައުމީ ވޮލީ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން އެރަށުގެ ވޮލީ ކުޅޭ މީހުން ދެކޭ ގޮތުގައި މިއީ އެރަށުގެ ވޮލީކުޅޭ ގިނަ ބަޔަކު ދެކެމުން ހުވަފެނެއްގައި ކުލަ ޖެހިގެން ދިއުމެވެ.

ކުނބުރުދޫއަކީ ވަރަށް ކުރިއްސުރެން ވޮލީބޯޅަ ކުޅެމުން އަންނަ ރަށެކެވެ. އެ ގޮތުން ރަށު ފެންވަރު ގައްޔާއި އަތޮޅު ފެންވަރު މުބާރާތްތަކުގެ އެރަށުގެ ކުޅުންތެރިން އަބަދުވެސް ބައިވެރިވެއެވެ. އަދި ރަށުގެ ކުލަބުތަކުން ޒުވާން ކުޅުންތެރިން ނެރުމަށް ނުހަނު ގިނަ މަސައްކަތްތައްވެސް ކުރެއެވެ. އެގޮތުން އެކިއެކި މުނާސަބަތާ ގުޅުވާ ރަށުގައި އެކި ފެންވަރުގެ ވޮލީ މުބާރާތްތައް ބޭއްވުމަކީ އެ ރަށުގައި ފޯރިއާއެކު ކުރަމުންދާ ކަމެކެވެ.

އަދި އެރަށުގެ ޓީމްތަކުން ވަނީ އިންޓަ ސްކޫލް މުބާރާތްތަކުގައިވެސް ބައިވެެރި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައެވެ. އެ ގޮތުން މިދިޔަ އަހަރުގައި ބޭއްވި އިންޓަ ސުކޫލު ވޮލީބޯޅަ މުބާރާތުގައި މުޅިން އަލަށް ބައިވެރިވި ކުނބުރުދޫގެ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމު ހޯދި ކާމިޔާބީއަކީ ފާހަގަ ކޮށްލެވޭ ކާމިޔާބެކެވެ. އެ މުބާރާތުގައި ފިރިހެން ޓީމު ޗެމްޕިއަންކަން ހޯދިއިރު އަންހެން ޓީމު ވަނީ މުބާރާތުގެ ދެ ވަނަ ހޯދާފައެވެ.

ހިޔާލު


ގުޅުންހުރި