ރާއްޖެރައްޔިތުންގެ މަޖިލިސް

ޖެނީވާ ދަތުރުފުޅަށްފަހު މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله މާލެ ވަޑައިގެންފި

16/10/2024

ޒައިން ރަޝީދު


ޝެއަރ

އިންޓަރ ޕާލަމެންޓަރީ ޔޫނިއަންގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވުމަށް ސުވިޒަރލޭންޑްގެ ޖެނީވާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله މިއަދު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ.

މިމަހުގެ 13 އިން 15 އަށް ޖެނީވާގައި ކުރިއަށް ދިޔަ 149 ވަނަ އައިޕީޔޫ އެސެމްބްލީގައި މަޖިލީހުގެ ރައީސް ތަޤްރީރު ކުރެއްވިއެވެ. އައިޕީޔޫގެ މިފަހަރުގެ އެސެމްބްލީގެ މަޢުޟޫޢު ކަމަށްވާ "ސުލްޙަވެރި އަމާން އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުންހިފުން" މި މަޢުޟޫއަށް މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަމުން، އިއާދަކުރަނިވި ހަކަތައާއި ދެމެހެއްޓެނިވި ތަރައްޤީއަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީއާއި ތަހުޒީބު ގެނައުމަށް އަދި ދިވެހިންގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމެއްގެ ގޮތުން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހޭ ކަމަށް ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް 28 ގައި އިޢުލާން ކުރެއްވި، ފަސް އަހަރު ތެރޭގައި އިއާދަކުރަނިވި ހަކަތައިން ޤައުމުގެ ކަރަންޓުގެ %33 ހަމަޖެއްސުމާއި ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ކެމްޕޭންގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މަޖިލީހުގެ ރައީސްގެ ތަޤްރީރު ނިންމަވާލައްވަމުން، ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ޙާލަތުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަންދީ ސުލްޙަ ދެމެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ. ހަމައެއާއެކު، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިލްތިމާސް ކުރައްވައި، ޢާންމުން ތަހަންމަލްކުރަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ވަގުތުން ހުއްޓާލުމަށްވެސް މަޖިލީހުގެ ރައީސް ގޮވާލެއްވިއެވެ.

ހިޔާލު


ގުޅުންހުރި