ވިޔަފާރި
ސްޓެލްކޯއިން ޑިސްކައުންޓް ދެނީ ރޯދަ މަހު ބޭނުން ކުރާ ކަރަންޓަށް، ވަކި ބިލެއްގެ ގޮތުގައި
26/02/2025
ޒައިން ރަޝީދު
ޝެއަރ
މިއަހަރުވެސް ރަމަޟާން މަހު ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ޑިސްކައުންޓް ދޭން ސްޓެލްކޯއިން ދަނީ ތައްޔާރުވަމުންނެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސްޓެލްކޯއިން މިއަދު ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އެކުންފުނިން ވިދާޅުވީ މިފަހަރު ޑިސްކައުންޓް ދިނުމަށް ނިންމާފައިވަނީ ރަމަޟާން މަހު ބޭނުންކުރާ ކަރަންޓަށެވެ. އެގޮތުން ރަމަޟާން މަހަށް ވަކިބިލެއް ތައްޔާރު ކުރުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ރޯދަމަހުގެ ޔޫސޭޖަށް ޑިސްކައުންޓު ދިނީ ދެ ބިލަކަށް ޑިސްކައުންޓު ދީގެންނެވެ. ނަމަވެސް މިފަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ބިލެއް ހެދުމަށް ވަނީ ނިންމާފައެވެ. ބިލަށް ޑިސްކައުންޓް ދޭން ނިންމާފައި ވަނީ މިދިޔަ އަހަރުގެ އެންމެ ހޫނު 3 މަސްދުވަސް އުނި ކުރުމަށްފަހު ބާކީ 9 މަސް ދުވަހުގެ އެވްރެޖެއް ހަދައި އެ އެވްރެޖަށްވުރެ ބޮޑު ނުވާނެ ހެން ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އަދި ބިލް ހިސްޓްރީ ނެތްތަންތަނަށްވެސް އެންމެ މަދުވެގެންވެސް %10ގެ ޑިސްކައުންޓް ލިބޭނެއެވެ.
ރަމަޟާން މަހުގެ ކުރިން މިހާރު ބިލު ނުކުރެވިހުރި ދުވަސްތަކަށް ބިލް ކުރުމަށްޓަކައި، ސްޓެލްކޯގެ ވެރިން ހިމެނޭހެން 350 އަށްވުރެ ގިނަ މުވައްޒަފުން މާދަމާ ނިކުމެ ކަރަންޓު މީޓަރުގެ ރީޑިންގ ނެގުމަށްވެސް ވަނީ ނިންމާފައެވެ. މި ރީޑިންގ ހިމަނައިގެން ތައްޔާރުކުރާ ބިލު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މުޅިމާލޭ ސަރަހައްދުގެ ރީޑިންގ ނެގުމަށް 12 ވަރަކަށް ދުވަސް ހޭދަވާއިރު ފެބްރުއަރީ މަހުގެ ރީޑިންގ ނެގިފައިވާ ދުވަހަށް ބަލައި، މި ބިލްތަކުގެ ތެރޭގައި 27 ދުވަހުން ފެށިގެންގޮސް 12 ދުވަހުގެ ބިިލްތައްވެސް ހިމެނޭނެ. އަދި ހަމަ މިގޮތަށް ރޯދަމަހުގެ ބިލް ތައްޔާރު ކުރުމަށްޓަކައި ރޯދައިގެ ފަހު ދުވަހު ރީޑިންގ ނަގައި އެމަހަށް އެކީ ބިލް ކުރެވިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
މަދާމާ ސްޓެލްކޯއިން ފަށާ ރީޑިންގ ނެގުމުގެ ހަރަކާތް ނިމޭއިރު، ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވަރ ކުރުމާއި ދެތޭރޭ އެ ހިނގާ 20 ނުވަތަ 25 ދުވަހުގެ ބެކްލޮގް ފިލުވާލެވި، ކަސްޓަމަރުންގެ ގިނަ ދުވަސްވީ ޝަކުވާއަށް ނިމުމެއް އަންނާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އަދި އެޕްރީލް މަހުން ފެށިގެން ކޮންމެ މަހެއްގެވެސް ފަހު ހަފްތާގައި ރީޑިންގ ނަގައި ޖެހިގެން އަންނަ ދުވަހު ބިލް ފޮނުވަން ނިންމާފައިވެއެވެ.
ހިޔާލު
ގުޅުންހުރި