ވިޔަފާރި
ލިވަޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ
13/03/2025
ޒައިން ރަޝީދު
ޝެއަރ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، އެކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.
މީގެ ސަބަބުން ރާއްޖޭގެ ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ޕާޓްނާޝިޕް ރަސްމީކޮށް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. މިގޮތުން މި މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާރޓްނާޝިޕާއި ދިވެހިރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕާޓްނަރޝިޕްގެ ޒަރިއްޔާއިން ވިޒިޓް މޯލްޑިވްސްއަށް އެލްއެފްސީގެ ބައިނަލްއަޤްވާމީ އޯޑިއަންސުން ނުހަނު ބޮޑު ތަރުޙީބެއް ލިބިގެންދާނެއެވެ. އަދި ކްލަބުގެ މަޤްބޫލުކަމުގެ ބޭނުންހިފައި، މި ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއަޅާނެއެވެ.
މި ޕާޓްނާޝިޕްގެ ދަށުން އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނަންހުންނާނެއެވެ. މިއާއެކު ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ބްރޭންޑިންގް ޖަހާ، އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓު ކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން، އެލްއެފްސީއާ ގުޅިގެން ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިންމު މާކެޓުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލާނެއެވެ. އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޮވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޮވަރުން ހިމެނެއެވެ. ވިޒިޓް މޯލްޑިވްސްގެ މައި މާކެޓުތަކުގައި އެކަނިވެސް 22 މިލިއަން އެލްއެފްސީ ސަޕޯޓަރުން ތިބޭ ކަމަށް ލަފާކޮށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެއެވެ. މި އޯޑިއަންސްގެ ތެރެއިން އެންމެ 2 އިންސައްތަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް ޕާޓްނަރޝިޕްގެ ޓާގެޓް ހާސިލްކުރެވޭނެކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.
މީގެ އިތުރުން ރާއްޖޭގައި ލިވަޕޫލް އެކަޑަމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭންޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް ވެސް މި ޕާޓްނާޝިޕްގައި ހިމެނެއެވެ. ފޭން ޒޯންތަކާއި އެކްޓިވޭޝަންތައް ވިޒިޓް މޯލްޑިވްސްގެ އިވެންޓްތަކާއި ބައިވެރިވާ ފެއަރތަކާއި ރޯޑްޝޯތަކުގައި އިންޓަގްރޭޓް ކުރުމަށް ހަމަޖެހިފައިވާއިރު، އެލްއެފްސީ ލެޖެންޑުންނާއި ޑިޖިޓަލް އެންގޭޖްމަންޓް ކެމްޕެއިންތަކުގެ ސަބަބުން ހޭލުންތެރިކަމާއި ބުކިންތައް އިތުރުވެގެންދާނެއެވެ. އަދި ޕްރިމިއަމް ބްރޭންޑިން، ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރިޗް ކޮންމެ ސީޒަނަކަށް 397 މިލިއަނަށް ވުރެ މައްޗަށް އަރާ، އަހަރެއްގެ މައްޗަށް 17 މިލިއަން ޑޮލަރަށް ވުރެ މަތީގެ މީޑިއާ ވެލިއު ލިބޭނެކަމަށް ބެލެވެއެވެ.
މިއީ ރާއްޖެ އަކީ ލީޑިންގ ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންކުރިއަށްދާ ކެންޕޭނެކެވެ. އެލްއެފްސީގެ ބައިނަލްއަޤުވާމީ ނުފޫޒުގެ ބޭނުން ހިފައިގެން ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް، ރާއްޖެ އިޚްތިޔާރު ކުރުމަށް ހިތްވަރު ދިނުމެވެ.
"މި ޕާޓްނާޝިޕްއިން އަޅުގަނޑުމެންގެ އަމާޒަކީ ހުވަފެންތައް ހަގީގަތަކަށް ވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަޖުރިބާ ކުރުމަށް އެތައް މިލިއަން ސަޕޯޓަރުންނަށް ހިތްވަރު ދިނުން." ވިޒިޓް މޯލްޑިވްސްގެ ސީއީއޯ/ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
މި ޕާޓްނަރޝިޕް ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގް އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާއިރު، ލަގްޒަރީ، އެޑްވެންޗަރ އަދި ތަފާތު ތަޖުރިބާތައް ހޯދުމަށް ބޭނުންވާ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ހިޔާލު
ގުޅުންހުރި