ރާއްޖެސަރުކާރު
ފަތުރުވެރިކަމުގެ އެއް ބާނީ މުޙައްމަދު އުމަރު މަނިކު އަވަހާރަވެއްޖެ
30/08/2025
ޒައިން ރަޝީދު
ޝެއަރ
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީ ހާލުކޮޅު ދެރަވެ، ސިންގަޕޫގެ މައުންޓް އެލިޒަބަތް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
މުޙައްމަދު އުމަރު މަނިކު ނުވަތަ އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫެރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި އެމްޔޫ މަނިކު ކުރައްވާފައިވަނީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް ކަމަށެވެ.
ދިވެހީންގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އަދި އެއަރޕޯޓް ހިންގާ އެމްއޭސީއެލްގެ ވަރަށް އިސް މަޤާމުތަކެެއް ފުރުއްވި އެމްޔޫ މަނިކަކީ ރާއްޖޭގައި ޓޫރިޒަމް ސިނާއަތް 1972 ވަނަ އަހަރު ފެށިގެން އައިއިރު، އެ މަސައްކަތްޕުޅުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޓޫރިޒަމް ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ.
ޓޫރިޒަމްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވާ މަނިކުގެ ޔުނިވާސަލްއަކީ ޓޫރިޒަމްގެ އެންމެ ކާމިޔާބު އެއް ކުންފުންޏެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ކުރައްވާފައިވާ ހިދުމަތްތައް ފާހަގަކޮށް 1982 ގައި އެމްޔޫ މަނިކުއަށް ސަރުކާރުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަރުވާފައިވެއެވެ. އަދި 2002 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރުމުގެ ރޮނގުން ޝަރުވެރިކަމުގެ ގައުމީ އިނާމްވެސް ލިބިވަަޑައިގެންނެވިއެވެ.
މަނިކުގެ އިސްނެންގެވުމަށް އެ ކުންފުނީގެ ދަށުން ޔުނިވާސަލް ފައުންޑޭޝަން އުފައްދަވާ އެތައް ބަޔަކަށް ވަނީ ބޭރު ޤައުމުތަކުން މަތީ ތަޢުލީމް ހާސިލުކުރުމުގެ ފުރުސަތު ވެސް ތަނަވަސް ކޮށް ދެއްވާފަ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 78 އަހަރެވެ.
ހިޔާލު
ގުޅުންހުރި