ރާއްޖެސަރުކާރު
މަސްތުވާ ތަކެއްޗާއެކު ޓީވީއެމް ޕްރެޒެންޓަރ އިނާޔަތުއާއި އިތުރު ދެ މީހުން ހައްޔަރުކޮށްފި
27/09/2025
ޒައިން ރަޝީދު
ޝެއަރ
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޓީވީ މޯލްޑިވްސްގެ ޕްރެޒެންޓަރ އިނާޔަތު އަލީއާއި އިތުރު 2 މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ / މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (34އ) އާއި މާލެ / މއ. މަޒާގެ، އާމިނަތު ޢިއްލިއްޔީން އަޙްމަދު (25އ) އާއި ހދ. ކުޅުދުއްފުށި / މަރިޔާޒް، ޢިނާޔަތު ޢަލީ (34އ) އެވެ. މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި އާމިނަތު ޢިއްލިއްޔީން އަޙްމަދާއި ޢިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
އިނާޔަތު އަކީ ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުގެ ގިނަ ޕްރޮގްރާމްތައް ހުށަހަޅާ މަޝްހޫރު ޕްރެޒަންޓަރެކެވެ. އޭނާ ހުށަހަޅައިދޭ މުހިއްމު ޕްރޮގްރާމްތަކުގެ ތެރޭގައި ޓީވީއެމްގެ އެންމެ ދުވަސްވީ އެއް ޕްރޮގްރާމް ކަމަށްވާ ހޭޔަންބޯ ޕްރޮގްރާމްވެސް ހިމެނެއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ އިނާޔަތު ހައްޔާރުކުރުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ހޭޔަންބޯ ޕްރޮގްރާމް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ ޓީވީއެމް އިން ނުދައްކައެވެ. އެއީ އިނާޔަތު މިދިޔަ ބުދަ ދުވަހުގެ ރޭ ރެކޯޑްކޮށް، ހުކުރު ދުވަހު ދެއްކުމަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާލު
ގުޅުންހުރި