ވިޔަފާރި

އާރގަން ގޭސް ދަތިކަމެއް ނެތި ލިބެން ހުންނާނެ: މޯލްޑިވް ގޭސް އިން ތިލަފުށީގައި ފިލްކުރަން ފަށައިފި

26/10/2025

ޒައިން ރަޝީދު


ޝެއަރ

ސިނާއީ މަސައްކަތްތަކަށް ބޭނުންވާ އާރގަން ގޭސް، ދަތިކަމެއް ނެތި ލިބޭނެ ގޮތް މޯލްޑިވް ގޭސްއިން ހަމަޖައްސައިފިއެވެ.

މޯލްޑިވް ގޭސް އިން ވަނީ އާރގަން ގޭސް ބަލްކްކޮށް އެތެރެކޮށް، ތިލަފުށީގައި ހުންނަ އެކުންފުނީގެ ފެސިލިޓީގައި ސިލިންޑަރުތަކަށް އެޅުމުގެ މަސައްކަތް ފަށާފައެވެ. މި ބަދަލާއެކު، އާރގަން ގޭސް ހޯދުމުގައި ކަސްޓަމަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ނިމުމަކަށް އަންނާނެ ކަމަށް މޯލްޑިވް ގޭސް އިން ބުނެއެވެ.

މީގެ ކުރިން އާރގަން ގޭސް ސިލިންޑަރުތަކަށް އަޅަނީ ރާއްޖެއިން ބޭރުގައެވެ. އެގޮތުން، ރާއްޖެއިން ސިލިންޑަރުތައް ބޭރަށް ފޮނުވައިގެން ގޭސް އަޅައިގެން އަލުން އިންޕޯޓް ކުރުމުގެ ސަބަބުން، ކަސްޓަމަރުންނަށް ބޭނުންވާވަރަށް އަދި ބޭނުންއިރަކު ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، މަސައްކަތްތަކަށް ބުރުއަރައެވެ.

އެހެން ކަމުން ގޭސް ގޭސް ބަލްކްކޮށް އެތެރެކޮށް، ރާއްޖޭގައި ގޭސް ފިލްކުރުމުގެ އިންތިޒާމް ހަމަޖެހުމާ ގުޅިގެން، ކުރިން ގޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުވެ، ކަސްޓަމަރުންނަށް ބޭނުންވާވަރަށް، ބޭނުންއިރަކު އާރގަން ގޭސް ލިބެން ހުންނާނެ ކަމަށް މޯލްޑިވްސް ގޭސްއިން މައުލޫމާތުދެއެވެ.

މައިގަނޑު ގޮތެއްގައި މެޓަލް ވެލްޑިންގ އާއި މެޓަލް ކަޓިންގ، އަދި އެހެނިހެން ވެލްޑިންގ މަސައްކަތްތަކުގައި ޝީލްޑިންގ ގޭހެއްގެ ގޮތުގައި އާރގަން ބޭނުންކުރެވެއެވެ. މީގެ އިތުރުން، އެލެކްޓްރޯނިކްސް އިންޑަސްޓްރީގައި ވެސް ޕްރޮޓެކްޓިވް އެޓްމޮސްފިއަރެއްގެ ގޮތުގައި އާރގަން ބޭނުންކުރާއިރު، ބައެއް ކަހަލަ ލައިޓިންގ އިންޑަސްޓްރީތަކުގައި ވެސް މި ގޭސް ބޭނުންކުރެއެވެ.

މޯލްޑިވްގޭހަކީ މިހާރު ހަމައެކަނި ކައްކާގޭސް ވިއްކާ ކުންފުންޏެއް ނޫނެވެ. ކާލްޓަން ބްރޭންޑްގެ ރެފްރިޖަރެންޓް ގޭހައި، މެޑިކަލް އޮކްސިޖަންއާއި އިންޑަސްޓްރިއަލް އެކިކަހަލަ ގޭސް މިހާރު މޯލްޑިވްގޭސްއިން ލިބެން ހުރެއެވެ. މިހާރު މޯލްޑިވްގޭސް އިން ދަނީ ލިކުއިޑް ނައިޓްރޯގެން އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި