ރާއްޖެސަރުކާރު

ހިޔާފުލެޓުގައި ހިންގި އަލިފާނުގެ ހާދިސާގައި 38 އެޕާޓްމަންޓަކަށް ގެއްލުން

31/01/2026

ޒައިން ރަޝީދު


ޝެއަރ

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 2ގެ ހިޔާޓަވަރުގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ވިދާޅުވެއްޖެއެވެ.

އަލިފާން ރޯވީ 5 ވަނަ ޓަވަރުގެ ފަސްވަނަ ފަންގިފިލާގެ ވައިގޮޅީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައެވެ. އަލިފާން ރޯވި ސަބަބު އަދި ސާފު ނުވިނަމަވެސް އަލިފާނުގެ ސަބަބުން 6 ވަނަ ފަންގިފިލާއާއި 7 ވަނަ ފަންގިފިލާގެ 38 އެޕާޓްމަންޓަށް ގުޅާފައިވާ ނަރުދަމާ ހޮޅިތައްވަނީ އަނދާފައެވެ. އޭގެ ސަބަބުން އެ އެޕާޓްމަންޓްތަކުގެ ފާހާތައް އެއްގޮތަށްވެސް ބޭނުން ނުކުރެވެއެވެ.

އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެހީއަށް އެދި އެންޑީއެމްއޭއަށް ގުޅި 30 އެޕާޓްމަންޓެއްގައި ދިރިއުޅޭ 140 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދުމަށާއި ކެއުމާއި ބުއިން ހަމަޖެއްސުމަށް އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 49 ފިރިހެނުންނާއި 48 އަންހެނުންގެ އިތުރުން 43 ކުޑަކުދިންނެވެ.

މި ހާދިސާއަށްފަހު ނަރުދަމާގެ ހޮޅިތައް މަރާމާތުކުރުމާއި އެޕާޓްމަންޓުތަކަށް ފެނާއި ނަރުދަމާ ހިދުމަތް އަލުން ދިނުމަށް އެޗްޑީސީއާއި އެމްޑަބްލިއުއެސްސީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މަޢުލޫމާތު ދެއެވެ.

ހިޔާލު


ގުޅުންހުރި